ކޯޓުން ބޭރުން ކައިވެނިކޮށްގެން، 13 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށް، ބަލިވެ އިން މައްސަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތައް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މިރޭ ހާޒިރުކުރަން ނިންމައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީގެ މައްސަލައިގެ ތެރެއިންނެވެ. އެގޮތުން އެމާރާމާރީގައި ޒަހަމްވި ޒުވާނާ އަކީ 13 އަހަރުގެ އަންހެން ކުއްޖާއާ ޝަރުއީ ނިޒާމުން ބޭރުން އިނދެގެންއުޅޭ މީހާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ބަލިވެ އިނުމަށްފަހު ވަރަށް ފަހުން ވަނީ ވިހާފަ އެވެ. އަދި އެކުއްޖާ ބަލިވެއިން މައްސަލަ ފުރަތަމަ ފެންމަތިވެފައިވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށްް އެކުއްޖާ ދެއްކުމުންނެވެ.

ކުޑަކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް މިރޭ ހާޒިރު ކުރަން ނިންމާފައިވަނީ ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނެވެ.

ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވީ މުއައްސަސާތައް ކޮމެޓީ އަށް ހާޒިރު ކުރަނީ އެ ކުއްޖާގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލް ހޯދަން ކަމަށެވެ. އެއީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ކޮމިޓީން މިވަގުތު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން އަންނަނީ ތަހުގީގް ކުރަމުންނެވެ. އެގޮތުން އެދެމުއައްސަސާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވަނީ 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި ގުޅިފައިވާކަން އެނގެން ނެތް ކަމަށެވެ.

މީގެ ކުރިން ބޭއްވި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގައި ޖީހާން ވިދާޅުވީ މިއީ އެކުއްޖާ މީހަކާ ދެވި ފުރަތަމަ ފަހަރު ނޫންކަމަށާއި މީގެ ކުރިންވެސް ޝަރުއީ ނިޒާމުން ބޭރުން ކައިވެނި ކުރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ މި މައްސަލަ ކުރިމަތިވުމުން ޖެންޑާއިން ވަނީ އެކުއްޖާ އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފަހުން ވަނީ އެކުއްޖާ އާއިލާއާ ހަވާލުކޮށްފައެވެ.