ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންގެ އަދަދުވެސް އެކަށީގެންވާ ވަރަށް ވުރެ މާ މަދުކަމަށާއި އެކަމަކީ ގައުމީ ފެންވަރެއްގައި ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ނާސިން ނައު" ކެމްޕެއިން އިފްތިތާހު ކޮށްދެއްވާ ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތު އަމާޒުކުރެވިފައިވާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީވާއިރު، އެ ސަރަހައްދުތަކަށް ބޭނުންވާ ނަރުހުން ތަމްރީންވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ސިއްހި މުހިންމު ހިދުމަތްތައް އެއް ތަނަކަށް ޖަމާކޮށްފައި ހުރުމަކީ، އެހިދުމަތް ދިނުމުގައި އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިއްހީ ހިދުމަތްތައްވެސް ލާމަރުކަޒީ ނިޒާމުން ތަރައްގީކުރަން ޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތްކުރާނެ، ވިލި ސިއްހީ ހިދުމަތްތެރިން ތަމްރީންވުމުން، އެ ގޮންޖެހުންތަކުގެ، ވަރަށް ބޮޑު ބައެއް ހައްލުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ހިދުމަތުގައި ތިއްބެވި ނަރުހުންގެ އަދަދުވެސް އެކަށީގެންވާ ވަރަށްވުރެ މާ މަދު. މިކަމާމެދު ގައުމީ ފެންވަރުގައި އަޅުނގަނޑުމެން އިތުރަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ހިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން އެކަމަށް ހާއްސަ އިސްކަމެއް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ނާސިން ނައު" ކެމްޕޭނަކީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ނަރުހުންގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސިލް ގުޅިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާ ބައިނަލްއަގުވާމީ ކެމްޕޭނެކެވެ.