6 މަހަށްވުރެ ގިނަ ދުވަސް ވަންދެން އެއްވެސް ވަރަކަށް އެކްޓިވް ވެފައި ނުވާ ޓްވިޓާ އެކައުންޓްތައް ޑިލީޓްކުރާނެ ކަމުގެ އިންޒާރު، ޓްވިޓާ ކުންފުނިން ދީފިއެވެ.

ޓްވިޓާ ކުންފުނިން ބުނީ 6 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި އެކްޓިވް ވެފައި ނުވާ ހުރިހާ އެކައުންޓެއް ޑިލީޓް ކުރާނީ، ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހާ ހިސާބަށް އެއްވެސް ހަރަކާތެއް ހިނގާތޯ ނުވަތަ ނޫންތޯ ބެލުމަށް ފަހުގައި ކަމަށެވެ.

ޑިލީޓްކުރާ އެކައުންޓްތަކުގެ ތެރޭގައި މީހާ މަރުވުމުގެ ސަބަބުން އެއްވެސް ހަރަކާތެއް ނުހިނގާ ހުރި އެކައުންޓްތައްވެސް ހިމެނޭނެ ކަމަށާ، މިފަދަ އެކައުންޓްތައް ސަލާމަތްކުރެވެން އޮތީ، އެމީހާގެ އެކައުންޓްއާއި ބެހޭ ތަފްސީލު އެނގޭ މީހަކު އެ އެކައުންޓަކަށް ލޮގްއިން ވުމުން އެކަނި ކަމަށްވެސް ޓްވިޓާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިއީ އެކްޓިވް ނޫން އެކައުންޓްތައް ޑިލީޓް ކުރުމަށް މިހާ ފުޅާ ދާއިރާއެއްގައި ޓްވިޓާ ކުންފުނިން ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަންއެވެ.

މިފަދަ ނިންމުމެއް ނިންމަންޖެހުނީ، ޓްވިޓާގެ ޕްރައިވަސީ ސިޔާސަތުތަކަށް ގެނައި އިސްލާހުތައް ބަލައިގަތުމަށް އިންއެކްޓިވް ޔޫޒާ އެކައުންޓްތައް ފެއިލްވެފައިވާތީ ކަމަށްވެސް ޓްވިޓާ ކުންފުނިންވަނީ ހާމަކޮށްފައެވެ. އަދި މިއީ ޔޫޒާ-ނޭމްސްގެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ހިންގާ އޮޕަރޭޝަނެއް ނޫންކަމަށްވެސް ޓްވިޓާ ކުންފުނިން ވަނީ ބުނެފައެވެ.

ޓްވިޓާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނަކު ބުނީ، އެއްވެސް ހަރަކާތެއް ނެތް އެކައުންޓްތައް ފޮލޯވާޒް ލިސްޓުން ނެގުމަކީ، އެކައުންޓް ބޭނުން ކުރާ ފަރާތްތަކަށް އެމީހުންނަކީ މުހިންމު ބައެއްކަން އިހުސާސްކޮށްދޭނެ ކަމެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން ޓްވިޓާއިން އެންމެ ފުރަތަމަ ޑިލީޓްކުރާނީ އެމެރިކާއިން ބޭރުން އެ ނެޓްވާކްގައި ހަދާފައިވާ އެކައުންޓްތައް ކަމަށްވެސް ޓްވިޓާ ކުންފުނިން ވަނީ ބުނެފައެވެ.

އެކްޓިވް ނޫން އެކައުންޓެއްގެ ގޮތުގައި ޓްވިޓާއިން ބަލާނީ ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ފަހަރަކު ނަމަވެސް ލޮގް-އިން ވެފައި ނުވާ އެކައުންޓްތައް ކަމަށް ޓްވިޓާ ކުންފުނިން ބުނެއެވެ.

މި ބަދަލާއެކު، މިހާތަނަށް އެ ޔޫޒާ-ނޭމް ތަކެއްގެ ބޭނުން ކުރަން ނުލިބި ހުރި ގިނަ ނަންތަކެއް ބޭނުން ކުރުމުގެ ފުރުސަތު، ޑިސެމްބަރު 11 ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެއެވެ.

ޓްވިޓާ ކުންފުނިންވަނީ، ކުރިއަށް އޮތްތަނުގައި އެކުންފުނިން ބަލާނެ ބައެއް ކަންކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ. އެގޮތުން އެކައުންޓަށް ލޮގް-އިން ވުމަށްފަހު އެއްވެސް ހަރަކާތެއް ނުހިންގާ އެކައުންޓްތައްވެސް މޮނިޓާ ކުރަމުންދާނެ ކަމަށް ޓްވިޓާ ކުންފުނިން ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބެލުމަށްފަހު ޑިލީޓްކޮށްލާ އެކައުންޓްތަކާ ގުޅިފައިވާ އީ-މެއިލްތަކަށް މިކަމުގެ އިންޒާރުދޭ މެސެޖެއް ފޮނުވާފައިވާނެ ކަމަށް ޓްވިޓާ ކުންފުނިން ބުނެއެވެ.