ރަނގަޅު މުސާރައަކާއެކު ރާއްޖެއިން ވަޒީފާއެއް ދޭނެ ކަމަށްބުނެ ވަޓްސްއެޕް މެދުވެރިކޮށް ގުޅައި، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރަނގަޅު މުސާރައަކާ އެކު، ރާއްޖެއިން ޕާޓް ޓައިމް ވަޒީފާއެއް ދޭނެކަމަށް ބުނެ ވަޓްސްއެޕް މެދުވެރިކޮށް ގުޅަމުންދާ ކަމަށެވެ. އަދި ބޭންކް އެކައުންޓުން ފައިސާ ފޮނުވަން ބުނެ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށެވެ.

އެކަންކަން ކުރަމުންދަނީ 13215762192(+) އަދި 1(940)279-2182(+) ނަމްބަރުން ވަޓްސްއެޕް މެދުވެރިކޮށް ގުޅައިގެންކަން ފުލުހުންގެ ތަހުގީގުތަކަށް ހާމަވެފައިވާ ކަމަށެވެ. އެގޮތަށް ގުޅައިގެން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އަތުންވެސް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެއްވެސް ބޭފުޅެއްގެ އަތުން މިފަދަގޮތަކަށް، އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ބެލެވޭ ނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކޮށްދެއްވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިންވެސް ރީލޯޑް އަދި ރާސްޓަސް ކޮށްގެން އިނާމް ލިބޭ ކަމަށްބުނެ ފޯން ކޯލްތައް ކޮށްގެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ބޭންކުން ކަމަށްބުނެ ކޭޝް ކާޑްގެ މައުލޫމާތު ހޯދަމުންދާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.