ސްކޫލް ބަންދާއި ދިމާކޮށް ހުރިހާ ގަޑިއެއްގައި މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަދީދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 25 ނޮވެމްބަރު 2019 އިން 05 ޖަނަވަރީ 2020 އަށް ހުރިހާ ގަޑިއެއްގައިވެސް މުދާ އުފުލާ އުޅަނދުފަހަރު މާލެ އަދި ހުޅުމާލޭގައި މުދާ އުފުލޭގޮތަށް ހުއްދަ ދެއްވާފައި ވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުންފެށިގެން، މާލެ އަދި ހުޅުމާލޭގައި ވަކި ގަޑިއެއްގައި މުދާ އުފުލާ އުޅަނދުފަހަރު ދުއްވޭގޮތަށް އޭރު ވަނީ ހަމަޖައްސަާފައެވެ. އެއީ ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯއިން މަތީގެ އެއްވެސް އުޅަނދަކަށް މުދާ ނުއުފުލޭ ގޮތަށެވެ. މި ނިމިދިޔަ ރޯދަމަހުވެސް ސަރުކާރުން ވަނީ މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނެސް ފައެވެ.

ކުރީގެ ސަރުކާރުގައި މުދާ އުފުލާ ގަޑިއަށް ބަދަލުގެނައިރު އެ އުސޫލުގެ ދަށުން މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑި އަކީ އިރުއޮއްސި، 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ.

މާލޭގެ މަގުތަކުގައި މުދާ އުފުލަން ވަކިގަޑިތަކެއް އޮންނާތީ ވިޔަފާރިންނަށް ދަތިވެ މުދާ ސަޕްލައިކުރުމަށް އުނދަގޫވާ ކަމަށް ބުނެ ވިޔަފާރިވެރިން ވަނީ ވަރަށް ގިނައިން ޝަކުވާތަށް ކޮށްފައިވެއެވެ.