މަރާލާފައިވާ މީހުންނާއި ގެއްލުމާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުގެ ރިޕޯޓް ފުރިހަމަ ނޫންކަމަށް ބުނާނެ ތަނެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ވިދާޅުވީ، ޑރ. އަފްރާޝީމް އަލީ އަވަހާރަކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމަށެވެ. އަދި އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަން ކުރުމަށް އެފަރާތްތަކުން ހަވާކުކުރީ ހަރުކަށި ފިކުރުގެ ޖަމާއަތާއި ގުޅިފައި އޮތް ޖިނާއީ ކުށްކުރާ ގޭންގަކާ ކަން ކޮމިޝަނުގެ ރިޕޯޓުން ސާފުވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮން ބައެއް ކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ރިޕޯޓްގައިވާ ތިން ހެކިންގެ ހެކިބަހުން އެނގޭނެ ކަމަށެވެ. އަދި އެކަން ވޭތުވެދިޔަ 7 އަހަރު ފުލުހުންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ އިން އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަބަބުތަކަށްޓަކައި މަރު ކޮމިޝަނުގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް ބުނެވޭނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށެވެ.
ސުއޫދު މިހެން ވިދާޅުވެފައި ވާއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މަރު ކޮމިޝަނުގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް ތުހުމަތު ކުރައްވާފައެވެ. އާދަމް ޝަރީފް ވިދާޅުވީ، މަރު ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމްގެ މަރާ ބެހޭ ރިޕޯޓަކީ ފުރިހަމަ ނޫން ރިޕޯޓެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކުން ސާބިތުވާ ކަމަށެވެ. އޭނާ ވަނީ، މަރު ކޮމިޝަނުން އަލުން މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަމުން ފުރިހަމަ ނޫން ތަހުގީގަކަށް ފިޔަވަޅު ނޭޅޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް، ސުވާލު ކުރުމުން އޭނާ ވަނީ މަރު ކޮމިޝަނުން ތައްޔާރު ކުރި ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކަށް ދައުވާއެއް އުފުލޭނެ ޖާގައެއް ނެތް ކަމަށް އިމްރާން ވަނީ ފާހަގަ ކުރައްވާފައެވެ.