ޑރ އަފްރާޝީމް އަލީ ގަތުލުކޮށްލި މައްސަލަ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތަކަށް ފިޔަވަޅުއަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނެރުނު ރިޕޯޓު ފާސްކޮށްފައި ވަނީ 47 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ރިޕޯޓު ބަލައިގަންނަން ނުފެންނަ ކަމަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާއާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސަލަފް ޖަމިއްޔާއާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނެއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން އެ ރިޕޯޓު ވަނީ ދިރާސާކޮށްފައެވެ.

މަޖިލީހުން އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު 11 ކަމެއް ކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު ތިބި ތަންތަނާއި މިހާރު އެމީހުން ކުރަމުންދާ މަސައްކަތް ހޯދުން ހިމެނެއެވެ. ހަމައެއާއެކު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ފައިސާ ބަދަލުކުރެވިފައިވާ ގޮތް ހޯދުމާއި ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބޭނުންކޮށްފައިވާ ގޮތް ހޯދުމުގެ އިތުރުން، ޑރ އަފްރާޝީމްގެ މަރާ ގުޅުން ހުރި މީހުން ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެކަން ތަފްސީލުކޮށް ހޯދުން ވެސް ހިމެނެއެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ހަދު ފަހަނައެޅި ފިކުރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އަވަހަށް ފިޔަވަޅު އެޅުމަށާއި، އިހުމާލުވި ފުލުހުންގެ މައްސަލަ ބެލުން ވެސް ހިމެނެއެވެ.

އަދި އެ ރިޕޯޓުގައި އެނގި ތިބެ ޑރ. އަފްރާޝީމް އަލީގެ މަރު ފޮރުވަން މަސައްކަތް ކުރި މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅުއަޅަން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން އެކުލަވާފައިވާއިރު، އެ ލިސްޓުގައި ޑރ. ޝަހީމާއި އަދި އިތުރު 36 މީހަކު ވަނީ ފާހަގަކޮށްފައެވެ.