ކަނޑުގެ ރާޅުން ކަރަންޓު އުފެއްދުމަށް ރާއްޖޭގައި ހާއްސަ ސާވޭއެއް ކުރަން ދިވެހި ކުންފުންޏެއް ކަމަށްވާ ޓެންޑާން ކޮންސަލްޓެންސީން ތައްޔާރުވެއްޖެއެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާސިމް ރިޒާ ވިދާޅުވީ ކަނޑުގެ ރާޅުން ކަރަންޓު އުފެއްދުމަށް ސާވޭއެއް ހަދަން ނިންމާފައި ވާކަމަށެވެ.

މި ސާވޭ ހަދަން ނިންމާފައި ވަނީ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ވޭވް ސްވެލް އެނާޖީއާ ގުޅިގެން ކަމަށާއި މި ސާވޭގެ މަސައްކަތް އަންނަ އަހަރު ޖެނުއަރީގައި ފަށާނެ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒާ ވިދާޅުވީ ސާވޭ ކުރާނެ ވަކި އަތޮޅުތަކެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މި ސާވޭގައި އިސްކަން ދޭނީ މާލެ އަތޮޅުގެ ކަނޑުތަކާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކަށް ކަމަށެވެ. އެއީ ފީސިބަލް މަސައްކަތެއްތޯ ބަލަން ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރެއްވިއްޖެ ނަމަ ރާއްޖޭގެ ކަރަންޓުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރެވޭނެ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

މި ސާވޭ އަށް ދެވިފައި ވާ ނަމަކީ "ވޭވް އެނާޖީ ޕްރޮޖެކްޓް"އެވެ. މި ސާވޭ ކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓްގައި ބޭނުން ކުރުމަށް ނިންމާފައިވަނީ ބައިނަލްއަގުވާމީ ފެންވަރެއްގައި ބޭނުން ކުރާ ޒަމާނީ ވަސީލަތްތައް ކަމަށާއި މި ސާވޭ ހަދަން ހަތް މިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް ވެސް ރިޒާ ވަނީ ވިދާޅުވެފައެވެ.