އުރީދޫ މޯލްޑިވްސްގެ "ގުޑި މަހާސަމާ" އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި އޮންނާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫ އިން ބުނީ "ގުޑި މަހާސަމާ" ގައި ހިމެނެނީ ގުޑި ހެދުމާއި ގުޑި އެރުވުން ކަމަށެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ "ގުޑި މަހާސަމާ" ގައި ބައިވެރިވާ ކުދިންގެ މެދުގައި މި ގޭމު ކުރިއަށް ދާނީ މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އަދި މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ގުޑި މަހާސަމާގެ އިތުރުން ކަލާ ރަން މިފަހަރު ކުލަގަދަކޮށް ބާއްވަން ނިންމާފައިވަނީވެސް ހުޅުމާލޭގައެވެ. އެ ހަރަކާތް އޮންނާނީ މި މަހުގެ 29 ވާ ހުކުރު ދުވަހު އެވެ. އުރީދޫއިން ބުނީ މި ކަލާރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލާރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓާޓެއިނިންގް ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެެވެ.

ފާއިތުވެދިޔަ ޖޫން މަހު އައްޑޫގައި އުރީދޫ ކަލަރަން އެއް ބޭއްވިފައިވާއިރު، މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލަރަނެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، މި ދުވުމުގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވައެވެ.