ގާބުރިއަކުން ޖަހައި މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެރާކީ ކޮފީ ރޯސްޓާސް އަށް ގެއްލުން ދިން މައްސަލައިގައި ރޭ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލައި އިންޒާރުގެ ނޯޓް ތަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. އެނޯޓްގައި ވަނީ އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށެވެ.

ސިޕީގެ ޓްވީޓްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ 2014 ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ހުށަހެޅިފައިވާ ހަރުކަށި ފިކުރުމުގެ މައްސަލަތަކާއި ގުޅޭ ތަފާސް ހިސާބުތަކެވެ.

އެތަފާސް ހިސާބުތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންނާއި ކައިވެނި ކުރުމާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ޓެރަރިޒަމް ޖަމާއަތުގެ މެންބަރުންނަށްވުމާއި ޓެރަރިޒަމް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުންވެސް ހިމެނެއެވެ.

ހަމީދު ވިދާޅުވީ ދީނުގެ ނަމުގައި ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކުން ހިންގަމުން ގެންދާ އަމަލުތައް ގައުމީ ފެންވަރެއްގައި ހުއްޓުވަންޖެހޭ ކަމަށެވެ.

މެރާކީގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ފިރިހެން ހެދުން އެޅި މައްސަލައެއް ފެންމަތިވުމުންނެވެ. މެރާކީއަކީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒްގެ ކެފޭއެކެވެ.