ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި 3 ހެކިންގެ ހެކިބަސް ނުނަގާ ހުކުމް އިއްވަން ނިންމައިފިއެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި، މައްސަލަ ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ވަކީލުންގެ މަޝްވަރާއާ އެކު އެކުލަވައިލާފައެވެ. އެގޮތުން، ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ކުރީ ކޮޅު ދިފާއުގެ ޝަފަވީ ހެކި ނެގުމަށްފަހު، ޖެނުއަރީ 7 ގައި ކިތާބީ ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ތާވަލު ކޮށްފައިވެއެވެ. އަދި ޖެނުއަރީ 15 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމަށާއި، މައްސަލައިގެ ހުކުމް ކުރުން ޖެނުއަރީ 30 ވަނަ ދުވަހަށް ތާވަލު ކޮށްފައިވެއެވެ.

ޔާމީންގެ މައްސަލާގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ދެން މި މައްސަލާގައި ޝާމިލްވާ މީހާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު، އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.