ލަނޑާ ނަގަން އުޅުން ދޯންޏެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާގެ އާއިލާއަށް ފިޔަވަޅު އެޅުމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ގޮވާލައްވައިފިއެވެ.
މަހްލޫފް މިފަދައިން ގޮވާލެއްވީ، 13 އަހަރުގެ އަންހެން ކުއްޖާ، މީގެ ކުރިންވެސް އިތުރު ކައިވެނިތަކެއް ޝަރުއީ ނިޒާމުން ބޭރުން ކުރުވާފައިވާ ކަމަށް މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން، އެއީ ކައިވެންޏެއް ނޫން ކަމަށާއި، އެއީ ރޭޕްކުރުން ކަމަށް މަހްލޫފް ވަނީ ސިފަ ކުރައްވާފައެވެ.
މަހްލޫފް ވިދާޅުވީ، ރޭޕް ކުރި މީހުންނާއި ރޭޕް ކުރަން ހުއްދަދިން އާއިލާގެ މެންބަރުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މި އަންހެން ކުއްޖާގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ރޭ އެ ދެ މުއައްސަސާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވަނީ 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި ގުޅިފައިވާކަން އެނގެން ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ބަލިވެ އިނުމަށްފަހު ވަރަށް ފަހުން ވަނީ ވިހާފައެވެ. އަދި އެކުއްޖާ ބަލިވެއިން މައްސަލަ ފުރަތަމަ ފެންމަތިވެފައި ވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށްް އެކުއްޖާ ދެއްކުމުންނެވެ. އަދި އެމައްސަލަ އޭރު މިނިސްޓްރީއަށް ހުށަހެޅުމުން އެކުއްޖާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ނަމަވެސް ފަހުން އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ބަދަލު ކޮށްފައިވާ ކަަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.
މި އަންހެން ކުއްޖާގެ މައްސަލަ ފަހުން ފެންމަތިވެގެން އުޅެނީ، ލަނޑާ ނަގަން އުޅުން ދޯންޏެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި 26 އަހަރުގެ ޒުވާނަކު ޒަހަމްވެ، އޭނާގެ ވާހަކަތައް މީޑިއާގައި ތިލަވި ހިސާބުންނެވެ. ޒަހަމްވި ޒުވާނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށާއި، އޭނާ ކޯޓުން ބޭރުގައި 13 އަހަރުގެ ކުއްޖަކާއި ކައިވެނި ކޮށްގެން އުޅޭ ހަބަރުތައް ފެތުރޭކަށް މާގިނައިރެއް ނުނެގިއެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ މީހުންގެ ފާޑު ކިއުން ދަނީ އޭނާ އަށާއި، އަންހެން ކުއްޖާގެ އާއިލާ މީހުންނަށް ވެސް އަމާޒުވަމުންނެވެ.