އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނިޒާމުތައް ހަރުދަނާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި، ޖެންޑާ އީކުއަލިޓީގެ ގާނޫނު މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އަދި އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ އަންހެނުންނަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ، އަނިޔާ ލިބޭ އަންހެނުންނާމެދު މުޖުތަމައުގައި ހުރި ނުރަނގަޅު ވިސްނުންތައް ބަދަލުކޮށް، އަންހެނުންގެ ހައްގުތަކާމެދު މުޖުތަމައު ހޭލުންތެރި ކުރުމަށް ދައުލަތާއި، މަދަނީ ޖަމްއިއްޔާތަކާ އަދި މީޑިޔާއިން ކުރަމުންގެންދާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް، މިފަދަ މައްސަކަތައް ފަސްޖެހުމެއްނެތި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓްކުރަންޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލާއި މުޖުތަމައުގެ ތެރޭގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ގޯނާ ކުރުމުގެ އަމަލުތައް ހުއްޓުވައި، އެފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެޗްއާރްސީއެމުން މިއަދު ނޫސް ބަޔާން ނެރެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލް އަގްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހުގެ މުނާސަބަތުގައެވެ. ކޮންމެ އަހަރަކު ވެސް ނޮވެމްބަރު 25 ވަނަ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އަންހެނުންނާ މެދުކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމަޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ، އަންހެނުންނަށްކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަ ކުރާ ދުވަހުގެ ޝިއާރުގެ ގޮތުގައި މިއަހަރު އދ އިން ކަނޑައަޅާފައި ވަނީ،
"އޮރެންގް ދަ ވޯލްޑް: ޖެނެރޭޝަން އީކުއަލިޓީ ސްޓޭންޑްސް އެގެއިންސްޓް ރޭޕް" އެވެ. މި ޝިއާރުގެ މައިގަނޑު އަމާޒަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ލިބެމުންދާ ޖިންސީ އަނިޔާއާ، ނަހަމަގޮތުގައި އަންހެނުން ބޭނުންކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމެވެ.