ލަނޑާ ނަގަން އުޅުން ދޯންޏެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާ، މީގެ ކުރިންވެސް އިތުރު ކައިވެނިތަކެއް ޝަރުއީ ނިޒާމުން ބޭރުން ކުރުވާފައިވާ ކަމަށް މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި އެކޮމެޓީގެ މުގައްރިރު ޖީހާން ވިދާޅުވީ މިއީ އެކުއްޖާ މީހަކާ ދެވި ފުރަތަމަ ފަހަރު ނޫންކަމަށާއި މީގެ ކުރިންވެސް ޝަރުއީ ނިޒާމުން ބޭރުން ކައިވެނި ކުރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ބައެއް ސޯސްތަކުން އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ، މިއީ އެކުއްޖާގެ ފުރަތަމަ ކައިވެނި ނޫންކަމަށް. ޝަރުއީ ނިޒާމުން ބޭރުން ކައިވެންޏެއްގެ ނަމުގައި މީހަކު އޭނާއާ ގުޅުމެއް ހިންގާ ފުރަތަމަ ފަހަރު ނޫންކަން،" ޖީހާން ވިދާޅުވި އެވެ.
ނަމަވެސް ޝަރުއީ ނިޒާމުން ބޭރުން އެކުއްޖާ ކުރުވާފައިވަނީ ކިތައް ކައިވެނިކަމެއް ޖީހާން ވިދާޅެއްނުވެ އެވެ.
މިމައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން އަންނަނީ ތަހުގީގް ކުރަމުންނެވެ. އެގޮތުން ރޭ އެދެމުއައްސަސާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވަނީ 13 އަހަރުގެ އަންހެން ކުއްޖާ ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި ގުޅިފައިވާކަން އެނގެން ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ބަލިވެ އިނުމަށްފަހު ވަރަށް ފަހުން ވަނީ ވިހާފަ އެވެ. އަދި އެކުއްޖާ ބަލިވެއިން މައްސަލަ ފުރަތަމަ ފެންމަތިވެފައިވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށްް އެކުއްޖާ ދެއްކުމުންނެވެ. އަދި އެމައްސަލަ އޭރު މިނިސްޓްރީއަށް ހުށަހެޅުމުން އެކުއްޖާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ނަމަވެސް ފަހުން އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ބަދަލު ކޮށްފައިވާ ކަަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.