އުމުރުން 6 އަހަރުގައި ޔޫސުފް ބިން މާޒިން ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ބައްދަލު ކުރައްވާ ހިތްވަރު ދެއްވައިފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔޫސުފްގެ އިތުރުން ޔޫސުފްގެ މައިންބަފައިންނަށް ވެސް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މަރުހަބާ ދަންނަވައިފައެވެ.

އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރު ވަނީ ޔޫސުފްއަށް ހަދިޔާވެސް ދެއްވާފައެވެ.

ހަ އަހަރުގައި ޤުރްއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިން އާ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ބައްދަލުކުރައްވާ ހަދިޔާ ދެއްވަނީ

މީގެ އިތުރުން ހާފިޒުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް ޤުރުއާނާއިބެހޭ ކޮމިޓީއަށް ޔޫސުފް ހިފްޒް ކޮށްފައިހުރި މިންވަރު މިންވަރުބެލުމަށްޓަކައި ކިޔައިދޭނެ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގައި އުމުރުން 6 އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.