ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާ މެދު އަނިޔާވެރި އަމަލު ހިންގާ ފަރާތްތަކަށް ގަނޫނީ ފިޔަވަޅު އަޅާނެކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއްގައި އެކުއްޖާއާއި ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކާ ގުޅުވާ ގިނަ ބަޔަކު ގެންނަނީ ޖެންޑާ މިނިސްޓްރީއަށް ފާޑު ކިޔަމުންނެވެ. މި މައްސަލައާ ގުޅިގެން ޝިދާތާ ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. ހަމައެއާއެކު އިސްލާމް ދީނުގެ ރިވެރި މަތިވެރި އުސޫލުތައް ކިލަނބުކޮށް ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ދަނޑިވަޅުގައި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަކީ މި މައްސަލައިގައި ގޮތް ނިންމަން ޖެހޭ ދެ މިނިސްޓްރީ ކަމުގައި ވިދާޅުވެފައެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން އެފަރާތްތައް ދިފާއު ކުރައްވާ ކަމަށް ވެސް ދިޔާނާ ތުހުމަތު ކުރެއްވިއެވެ. އަދި ޖެންޑާ އާއި ހޯމް މިނިސްޓަރުގެ މަގާމުގައި ތިއްބެވި ޝިދާތާ އާއި އިމްރާން އަބްދުﷲ އަކީވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެ ބޭފުޅުންނަށް ވާތީ މި މައްސަލައިގައި އެ ދެބޭފުޅުންގެ ސްޓޭންޑަކީ ކޮބާތޯ ދިޔާނާ ދަނީ ސުވާލު ކުރައްވަމުންނެވެ.
ދާދިފަހުން 13 އަަހަރުގެ އަންހެން ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވުމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ އަންހެން ކުއްޖާ ބަލިވެ އިނީ ކައިވެނީގެ ބޭރުން ކަމަށެވެ. އަދި އެ މައްސަލަ ބެލިބެލުމުގައި އެެއް އާއިލާއަކަށް ނިސްބަތްވާ ކުޑަކުދިންތަކެއް ވަނީ ތައުލީމާއި ސިއްހީ ފަރުވާތަކުން މަހްރޫމް ވެފައިކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މި މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
13 އަހަރުގެ ކުއްޖާ ބަލިވެ އިނދެފައިވަނީ ކައިވެނި ނުކޮށް ކަމަށް ފުލުހުން ބުނެފައި ވާއިރު، މި އަމަލު ކޮށްފައިވާ ފަރާތްތަކަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ބައެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ މީހުން ވަނީ ކޯޓުން ބޭރުގައި އެމީހުން ގަބޫލު ކުރާ ގޮތަށް އެ ކުއްޖާގެ ކައިވެނިކޮށްފައި ކަމަށްވެސް ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އަންހެން ކުއްޖާއަކީ ދާދި ފަހުން ލަނޑާ ނަގަން ދިޔަ ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި އަނިޔާ ލިބިފައިވާ މީހާ އިން ކުއްޖާއެވެ. އެ މާރާމާރީ ހިނގާފައި ވަނީ ދީނީ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގައެވެ. އުމުރުން 26 އަހަރުގެ އެ ޒުވާނާގެ އަނގަ އިރާލައި ފުއްކިބައިގެ ބޮޑު ބައެއް ޒަހަމް ކޮށްލުގެ އިތުރުން ޖިސްމާނީ ގިނަ އަނިޔާތަކެއް ދީފައި ވެއެވެ. އޭނާ މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.