ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސަލާމަތީ ބާރުތަކާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް ވިދާޅުވީ، ރާއްޖޭގެ ދިފާއީ ބާރުތަކުން އަނދިރި ދައުލަތަށް ބައިއަތު ހިފަމުންދާ ކަމަށް ތުހުމަތު ކުރައްވައި އިއްޔެ ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެނެވެ.

ޖަމީލް މިއަދު ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން މަޖިލިސް ރައީސް ދައްކަވާ ވާހަކަތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ސީރިއަސް އިލްޒާމްތަކެއް ކަމަށާއި ނުރައްކާ ނަތީޖާތަކެއް އެކަމުން ނުކުމެދާނެ ކަމެއް ކަމަށެވެ.

"ގައުމީ ސަލާމަތަށް މި ވާހަކަތަކުން ނުރައްކާވޭ، ކުރިންވެސް ސިފައިންނަށް “މަނީ މަނީ ޔެސް ސާ” ކިޔައިގެން ފޮށި ގަދަރަށް އަރައިގަތް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހި، ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި، މި އަމަލްތައް ތަކުރާރުވުމުގެ ފުރުސަތު އެބައޮތް، މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫން،"
މުހައްމަދު ޖަމީލް އަހުމަދު

ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާގައި ވާހަކަ ދައްކަވަމުން އިއްޔެ ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބިލްތައް ރައީސް ތަސްދީގު ކުރެއްވި ނަމަވެސް، އެ ގާނޫނު ނުދެމެހެއްޓި ނަމަވެސް އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުން އެބަތިބި ކަމަށެވެ. އަދި ދިވެހިންގެ ވިސްނުމަށް ބަދަލު އައީ ދިފާއީ ބާރުގެ ތެރޭގައި ފަރުވާ ކުޑަކަމާއި އަޅާނުލުމުގެ ސަބަބުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން މި މައްސަލަތައް ނުބައްލަވައި ދޫކޮށްލަވަނީ އެ ބޭފުޅުން އެ އަނެއް ފަލްސަފާ އަށް ލެނބެން ފަށައިފި. އަނދިރި ދައުލަތަށް ބައިއަތު ހިފައިފި،"
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ، ރާއްޖެ މިދަނީ ހަރާބުގެ މަގަށް ކަމަށާއި ރާއްޖެ ސަލާމަތް ކުރަން އެދޭނަމަ މި ނިދިން ހޭލަންޖެހޭ ކަމަށެވެ. އަދި ދިވެހިން ހަތަރު އަނގޮޅިން ހަރާބުގެ މަގު އިހްތިޔާރު ކޮށްފިނަމަ، ރާއްޖެ ގެއްލިދާނެ ކަމަށާއި މިކަން ހައްލު ކުރުމުގެ ރާސްތާ ދެނެގަނެ، ހައްލު ހޯދަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، 13 އަހަރުގެ ކުއްޖަކާ މީހަކު އިނދެފައި، އޭނާގެ ކައިވެނި ކޮށްދިން މީހުންދިން ސެޓްފިކެޓް ސަރުކާރުގެ ވުޒާރާއަކަށް ހުށަހެޅުމުން އެ ބަލައިގެންފައިވާ ވާހަކަ އިއްޔެވެސް އިވި ވަޑައިގެންނެވި ކަމަށެވެ. އަދި މިއީ މުޅިން އެހެން ނިޒާމަކުން ކުރާ ކަމެއް ކަމަށެވެ. އަދި މި އަނދިރި ދައުލަތުގެ ނިޒާމުން ދިވެހިންގެ ޝަރުއީ ނިޒާމާއި ގާނޫނުތަކާއި ވާދަ ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.