ބަދުނާމު ކުރިއަސް އެމްޑީޕީގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝިމްގެ މަރާ ގުޅިގެން އޭނާ އަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުން މިހާ ވަރަކުން އޭނާ އަށް ފިޔަވަޅު ނޭޅިގެން އުޅެނީ ބަދަލު ހިފުމުގެ ގޮތުންނާއި މުޅި ދުނިޔެެއަށް އޭނާ ބަދުނާމުކޮށް އޭނާގެ މަސައްކަތައް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ.

ޝަހީމު މިހެން ވިދާޅުވެފައި މިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމމިޓީ)ން އެކުވައިލި ރިޕޯޓް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގެއްލުވަލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ 36 ފަރާތަކަށް ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގެ މައުލޫމާތު އެކި ގޮތްގޮތުން އެކި މިންވަރަށް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަފްރާޝީމް މަރާލުމުގެ ސީދާ އަމަލު ހިންގުމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި، އެ ޖަރީމާ ހިންގުމަށް ރޭވި ރޭވުމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި މަރު ކޮމިޝަނަށް ތެދު ނޫން މައުލޫމާތު ދިން ފަރާތްތަކާއި މައުލޫމާތު ހިއްސާކުރަން ޖެހޭ ވަގުތުގައި ހިއްސާނުކޮށް ތިބި ފަރާތްތަކާއި، އެ މައުލޫމާތު ގަސްތުގައި ސިއްރުކުރި ފަރާތްތައް ހިމެނެއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓު ދިރާސާކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ، (241) ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނާފައި ވަނީ އެ މައުލޫމާތު އެކި މިންވަރަށް އެނގިތިބެ ސިއްރުކުރި ފަރާތްތަކާ މެދު ލަސްނުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހިމަނައިފައެވެ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގެ މައުލޫމާތު އެކި ގޮތްގޮތުން އެކި މިންވަރަށް ލިބުނު މީހުންގެ ތެރޭގައި ޑރ. ޝަހީމްގެ ނަންވެސް ހިމެނެއެވެ.