ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެގައި ހިނގި މާރާ މާރީއެއްގައި އެ ދޯނީގައި ހުރި މީހެއްގެ ގައިގައި ވަޅި އަޅާ ކަނޑަށް އެއްލާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބަންދަށް ކޯޓުން އިއްޔެ 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އެމީހާއަކީ އެހާދިސާގައި ޒަހަމްވި ފަރާތަށް ހަމަލާ ދިން މީހާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި އެހާދިސާގައި ޒަހަމް ވެފައިވަނީ ރ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން އއ. މާޅޮހު ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސަސް، މުހައްމަދު ރިޒާ "ދަ ޕްރެސް" އަށް އިއްޔެ ހާދިސާ ހިނގާދިޔަ ގޮތް ކިޔާދެއްވާފަވެއެވެ. އޭނާ ވިދާޅުވީ އޭމީހާގެ ބޮލުގެ ފުއްކިބައަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އަތާއި ކަރުގެ އިތުރަށް އަނގަވެސް އަތުން ހިފައި އިރާލާފައިވާ ކަމަށެވެ.

ރިޒާ ވިދާޅުވެފައިވަނީ އެވަގުތު އައިޖީއެމްއެޗަށް ގުޅައިގެން ކުރިއަށް ގެންދަންޖެހޭ ގޮތް ސާފު ކުރި ކަމަށެވެ. އެގޮތުން ބޮލުގެ ފުއްކިބައިގައި ހަމަލާދީފައިވާތަން ބެއްދުމަށްފަހު މާލެ ފޮނުވި ކަމަށެވެ. އަދި އަނގަމަތިވެސް ފެހި ކަމަށް އޭނާ ބުންޏެވެ.

އޭނާއަށް ފަރުވާ ދެމުންދިޔަ ވަގުތު، އެދޯނީގެ ފަޅުވެރިން އެމީހާ ހޯދުމަށް އެރަށަށް އަރާފައިވާ ކަމަށެވެ. އެގޮތުން އެމީހާ ގެއްލިގެން ހޯދާކަމަށް ބުނެ އެރަށް ވަރަށް ބެލި އެވެ. އަދި ރަށުގެ ހޭޅިފަށް ވަރަށް ބޮޑަށް ބެލުމަށްފަހު އެމީހުން ފައިބައިގެންދިޔަ ކަމަށްވެސް ރިޒާ ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އިނދެގެން އުޅެނީ 13 އަހަރުގެ ކުއްޖަކާ ކަމަށެވެ. އަދި އެކުއްޖާ މިހާރު ހުރީ އާެއިލާގެ ބެލުމުގެ ދަށުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމީީހާ މާލެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެ. އޭނާއަށް މިހާރުވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ސާފެއްނުވެއެވެ.