ދީނީ އިލްމުވެރިންނާ މެދު ނަފްރަތު އުފެއްދުމުގެ ނަތީޖާ ހިތި ކަމަށް ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒާހިރު ވިދާޅުވީ، ދީނީ އިލްމުވެރިންނާ މެދު ނަފްރަތު އުފެއްދުމުގެ ސަބަބުން ބައެއް މީހުން ދީނީ އިލްމުވެރިންގެ ބަސް ގަބޫލު ނުކޮށް، އަމިއްލަ އަށް ކައިވެނި ކުރުން ފަދަ ނޭދެވޭ ކަންކަން މުޖުތަމައުގައި ހިންގަމުން ދާކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
ޝެއިހް ޒާހިރު މިހެން ވިދާޅުވެފައި ވާއިރު، މިދިޔަ ހުކުރު ދުވަހު ލަނޑާ ނަގާ ދޯންޏެއްގައި ހަރުކަށި ފިކުރުގެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު ކަނޑަށް އެއްލާލި މައްސަލަ މީޑިއާގައި ތިލަވެފައިވެއެވެ. އެގޮތުން، އުމުރުން 26 އަހަރުގެ، ރ. މަޑުއްވަރީއަށް ނިސްބަތްވާ، މި މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ މީހެއް ކަން އެނގިފައިި ވެއެވެ. އަދި 13 އަހަރުގެ އަންހެން ކުއްޖާ ބަލިވެއިން މައްސަލައެއް ޖެންޑާއިން ބެލިކަމަށް ވަނީ މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ޝެއިހް މުހައްމަދު އަނީލް ވަނީ މައިންބަފައިން "ކާފަރު" ކޮށް، ޒުވާން އަންހެން ކުދިން "ބްރެއިން ވޮޝް" ކޮށް، ޝަރުއީ ހަމަތަކުން ބޭރުން ވަލީއާ ނުލައި، ކޯޓުތަކުން ބޭރުގައި "ވަގަށް ކައިވެނި" ކޮށް ހެދުމަކީ ހުއްޓުވަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ކަމާ ދެކޮޅަށް އިލްމުވެރިން ދައްކަވާ ވާހަކައިގެ އަޑު ބަޔަަކަށް ނީވުނަސް އެ ވާހަކަ އެބަ ދައްކަވާ ކަމަށް އަނީލް ވިދާޅުވިއެވެ.
ދާދި ފަހުން ފެންމަތިވެގެން އުޅޭ ކުޑަކުދިންނާ ކައިވެނި ކުރުމުގެ މައްސަލައަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެތައް ބައެެއްގެ ފާޑުކިއުން ދީނީ އިލްމުވެރިންނަށް އަމާޒުވަމުން ދާ މި ދަނޑިވަޅުގައި އަނީލް ވިދާޅުވީ، ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިއުމާއި، ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ދީނުގެ ސައްހަ ތައުލީމު ފަތުރާ ފަރާތްތަކަކީ ހައްދުފަހަނެޅި މީހުން ކަމަށް ދައްކަން މަސައްކަތްކުރުމަކީ ޖަރީމާއެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.