ޓެރަރިޒަމާ ގުޅުވާފައި ޒިންމާދާރު ވާހަކަ ދެއްކެވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ލ. ފޮނަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓެރަރިސްޓް ސެލްތަކަކަށް ބަހާލައިގެން ރާއްޖޭގައި ހިންގާ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.
އާދަމް ޝަރީފް ވަނީ، މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުގައި ބައިވެރިވި މީހުންގެ 27 ޕަސެންޓަކީ ޓެރަރިސްޓުންނޭ މީހަކު ބުނެފިނަމަ، އެ ކަން ތެދަކަށް ވާނެތޯ ސުވާލު ކުރައްވާ، ޓެރަރިޒަމާ ގުޅުވައިގެން ޒިންމާދާރު ވާހަކަ ދެއްކެވުމަށް ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، އޭނާ ވަނީ ށ. މާއެނގޫދޫއަށް ދިޔަ އައިއެސްގެ ދިދަ ޖަހާފައިވާ ދޯނި ހޯދާ، އެ މީހުންނަށް ފިޔަވަޅު އަޅާތޯ ބެއްލެވުމަށް ވެސް ނަޝީދަށް ގޮވާލައްވާފައެވެ. އެގޮތުން، ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސްގެ ދިދަ ނަގަިއގެން ދިޔަ ދޯންޏެއްގައި ތިބި ބަޔަކު އެރަށަށް އަރާ، އެރަށުގެ ބައެއް ފާރުތަކުގައި އައިއެސް ލޯގޯ ރަމްޒުވާ ގޮތަށް ސްޕްރޭ ކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މާއުނގޫދޫއަށް އައިސްގެ ދިދަ ނަގައިގެން ދޯންޏެއްގައި ދިޔަ ބަޔަކު އެރަށަށް އެރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެރަށުގެ ބައެއް ފާރުތަކުގައި އައިއެސް ލޯގޯ ރަމްޒުވާ ގޮތަށް ސްޕްރޭ ކޮށްފައި ހުރި މައްސަލައެއް ބަލަމުން ދާ ކަމަށެވެ. މާއުނދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އެ ބަޔަކު އެރަށަށް އަރާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އެރަށަށް އެރި މީހުން އައިއެސްގެ ދިދައިގެ ޕްރިންޓެއް ފާރުތަކަށް ސްޕްރޭ ކޮށްފައިވެއެވެ. އެރަށަށް އަރާފައި ވަނީ ހުއިފިލަނޑާ ނަގާ ދޯންޏެއްގައި ދިޔަ ބަޔަކު ކަމަށް މާއުނގޫދޫ މީހަކު މައުލޫމާތު ދީފައި ވެއެވެ.