ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާގައި، ކުޑަކުދިންނަށް ކުރާ އަނިޔާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހިތްޕުޅުގެ އުދާސްތައް ބަންޑުން ކުރައްވައިފިއެވެ.
ސެމިނާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ފޫޅުމައިންނާއި އެދުރުން އަދި އެދުރުދައިތައިން ދިވެހި ދަރިން ބޮޑު ކުރަމުން އައި ގޮތަކީ ރާއްޖެ އުފެއްދި ގޮތް ކަމަށެވެ. ނަމަވެސް އެ ރާއްޖެ ދިވެހިން އަތުން ބީވާން ފަށާފައިވާ ކަމަށާއި، އަނެއްކާވެސް މި ފެންނަނީ 13 އަހަރު 12 އަހަރު ކުދިންނާއި އިނދެވޭނޭ، ޖިންސީ ގުޅުން އުފެއްދޭނޭ އެ ކުދިންނާއި ކައިވެނި ކޮށްގެން އުޅެވޭނޭ ކިޔާ ދުވަސް ކަމަށެވެ. ނަޝީދު ވިދާޅުވީ، މިއީ ދިވެހިންގެ ހިތްތަކަށް ވަރަށް ބީރައްޓެހި ވާހަކަތަކެއް ކަމަށެވެ.
މިއަދު ކުޑަކުދިންނަށް އަނިޔާ ކުރެވޭނޭ، އެކުދިންނަށް ހަރުކަށި އަދަބު ދެވޭނޭ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ދުވަހަކުވެސް އެމަނިކުފާނު ގައިކޮޅުގައި އެމަނިކުފާނުގެ މަންމަ ނުވަތަ ބައްޕަވެސް ޖައްސަވާފައި ނުވާ ކަމަށެވެ.
ނަމަވެސް ކުއްލިއަކަށް ދިވެހިންގެ ތެރެއަށް ކުޑަކުދިންނާ މެދު އަމަލު ކުރާނެ ގޮތުގެ މުޅިން އެހެން ފަލްސަފާއެއް ފެތުރިގެން އެބަދާ ކަމަށެވެ. އަދި ކުޑަ ކުދިންނާ ބެހުމާއި، ޖިންސީ އަނިޔާކުރުން އިންތިހާއަށް ގިނަ ވެފައިވާ ކަމަށާއި، ކުޑަކުދިންނަށް އަނިޔާކުރުމަކީ އާންމުކޮށް ގޭތެރޭގައި ކުރަމުން އަންނަ ކަމެއް ކަމަށް ފާހަގަ ވެފައި ނުވިއަސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ނޭދެވޭ އެތައް ކަމެއް ހިނގަމުންސާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، 13 އަހަރުގެ ކުއްޖަކާ މީހަކު އިނދެފައި އޭނާއަށް އެ ކައިވެނި ކޮށްދިން މީހުން އޭނާ އަތަށް ސެޓްފިކެޓެއް ދީފައި ގޯއްޗަކަށް ބޭނުންވީމައި، އެ ސެޓްފިކެޓް ސަރުކަރުގެ ވުޒާރާއަކަށް ހުށަހެޅުމުން އެ ބަލައިގެންފައިވާ ވާހަކަ އިއްޔެވެސް އިވި ވަޑައިގެންނެވި ކަމަށެވެ. އަދި މިއީ އަނދިރި ދައުލަތަކުން، މުޅިން އެހެން ނިޒާމަކުން ކުރާ ކަމެއް ކަމަށާ، މި އަނދިރި ދައުލަތުން ދިވެހިންގެ ޝަރުއީ ނިޒާމާއި ގާނޫނުތަކާ ވާދަ ކުރަމުންދާ ކަމަށެވެ.