ގާބުރިއެއް އެއްލައި، މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރި ގަނޑު ތަޅާލައިފިއެވެ.

ފުލުހުން ބުނީ މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރި ގަނޑު ތަޅާލައިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށާއި މި މައްސަލަ ހުށަހަޅާފައި ވަނީ ރޭ 11:13 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މެރާކީ ގެ ބިއްލޫރިގަނޑު ތަޅާލި އިރު ކެފޭ ބަންދު ކުރުމަށް ފަހު މުވައްޒަފުން އެތޭރޭގައި ތިބި ކަމަށާއި ބިއްލޫރިގަނޑު ތަޅާލުމުގެ ކުރިން ބަޔަކު ގޮސް އެތަނުގެ ބިއްލޫރިގަނޑުގައި ނޯޓެއް ތަތްކޮށް، އިންޒާރެއް ދީފައިވާ ކަމަށްވެއެވެ. މެރާކީއަށް ދިން އިންޒާރުގެ މެސެޖު ލިޔެފައިވާ ނޯޓުގައި ވަނީ ''އަންހެން... ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ'' މިހެންނެވެ.

މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މެރާކީގެ ބިއްލޫރިގަނޑު ތަޅާލާފައި ވާއިރު އެތަނުގެ އަންހެން މުވައްޒަފަކު ފިރިހެން ހެދުން އެޅި މައްސަލައެއް ވަނީ ދާދިފަހުން ފެންމަތިވެފައެވެ. މެރާކީއަކީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒްގެ ކެފޭއެކެވެ.