ސިޔާސީ ސަބަބުތަކަށްޓަކައި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންނަށް އިހުމާލުވުމުގެ ހިތި ނަތީޖާ މިއަދު ފެނިގެންދާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު ކަނޑަށް އެއްލާލި މައްސަލަ މީޑިއާގައި ތިލަވުމުންނެވެ. އެގޮތުން، އުމުރުން 26 އަހަރުގެ، ރ. މަޑުއްވަރީއަށް ނިސްބަތްވާ، މި މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް އެނގިފައިި ވެއެވެ.

އުޝާމް ވިދާޅުވީ، ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލައި މިކަމުގައި ޝާމިލްވި އަދި އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިއަދު މި ފެންނަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސިޔާސީ ސަބަބުތަކަށްޓަކައި ދީނީގޮތުން ހަރުކަށި ފިކުރުތަކުގެ މީހުންގެ މައްސަލަތައް ނުބަލައި ދޫކޮށްލުމުގެ ހިތިނަތީޖާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ލަނޑާ ނަގާ ދޯނީގައި ހިނގި މާރާމާރީގައި ކަނޑަށް އެއްލާލި ރ. މަޑުވައްރީ މީހާ އިނދެގެން އުޅޭ، 13 އަހަރުގެ އަންހެން ކުއްޖާ ބަލިވެއިން މައްސަލައެއް ޖެންޑާއިން ބެލިކަމަށް ވަނީ މައުލޫމާތު ލިބެއެވެ. މިހާރު އެކުއްޖާ އިނީ އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްލާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޒަހަމްތަކާ އެކު މޫދަށް އެއްލާލި މީހާ އެރީ އއ މާޅުހަށެވެ.

ދާދި ފަހުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ނެރުނު ރިޕޯޓުގައި ވެސް، ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ވަރަށް ބޮޑަށް ހިމަނާފައި ވެއެވެ.