މާލޭ ސިޓީގެ މޭޔަރު، ޝިފާ މުހައްމަދުގެ އޮފީސް ފަޅައިލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ، ހެނދުނު އޮފީހަށް ވަޑައިގެންނެވި އިރު އޮފީހަށް ބަޔަކު ވަދެފައި ވާ ކަން އެގިވަޑައިގެންފައި ވާ ކަމަށެވެ. އެނގިވަޑައިގެންފައި ވަނީ އޮފީހުގެ މަސައްކަތުމީހާގެ ފަރާތުން ކަމަށްވެސް ޝިފާ ވިދާޅުވިއެވެ. އެ ބަޔަކު ނުވަތަ އެ މީހަކު ވަންނަން މަސައްކަތް ކޮށްފައި ވަނީ އޮފީހުގެ ފަހަތު ދޮރުން ކަމަށާއި އޮފީހުގެ ކުޑަދޮރުތަކުގެ ތޭރިތަށް ހުރީ ނަގާފައި ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ އެއްވެސް ކޮމްޕިއުޓަރެއް ފަދަ އެއްޗެއް ގެންގޮސްފައި ނުވާ ކަމަށައި، އެ ބަޔަކު ކުޅެފައި ވަނީ އެ އޮފީހުގެ މޭޒުމަތީގައި ހުރި ކަރުދާސް ތަކާއި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެއްޗެއް ގެނަގޮސަފައި ވާ ކަމެއް އަދި ސާފު ނުވާކަމަށްވެސް ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެ ކަންތަށް ކުރި ބަޔަކު އެ ވަނީ ޑޮކިއުމެންޓެއް ހޯދަން ކަމަށާއި އެފަދަ އެއްޗެއް އޭނާގެ މޭޒުމަތީ ނުހުންނާނެ ކަމަށެވެ. ކޮންމެ ކޮންމެ ކަހަލަ މުހިންމު ލިޔެކިޔުންތަކަކީ އެ ހުންނަން ޖެހޭ ތަނެއްގައި ހުންނާނެ އެއްޗެއް ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

ވަރަށް ބައިވަރު ލިޔެ ކިޔުންތަށް ހުންނާނެ މޭޒުމަތީގަ. އާންމު ގޮތެއްގަ އަޅުގަނޑުގެ އޮފީހުގަ މޭޒެއްގެ މަތީގަވެސް އަދި ވަތްގަނޑެއްގައި ވެސް އެއްވެސް ކަހަލަ ސިއްރު އެއްޗެއް ނުހުންނާނެ. އޮފީހަށް ވަދެ އެއްޗެއް ހޯދަން އުޅުނަސް މާކަށް ބޮޑު އެއްޗެއް އެމީހުންނަކަށް ހިޔެއް ނުވޭ ލިބޭނެ ހެންނެއް. އަޅުގަނޑު މީ އޮފީހުގަ އެގޮތަށް އެއްޗެހި ބަހައްޓާ މީހެއްނޫން. ހުރިހާއެއްޗެއްވެސް ހުންނާނީ އެ ހުންނަންޖެހޭ ސެކްޝަނެއްގަ.
މާލެ މޭޔަރު ޝިފާ މުހައްމަދު

އެ ބަޔަކު ނިކުންނަން މަސައްކަތް ކޮށްފައި ހުރީ މައި ދޮރުން ކަމަށާއި ތަޅު ވަނީ ހަލާކު ކޮށްލާފައި ކަމަށްވެސް ޝިފާ ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށްވެސް ވިދާޅުވިއެވެ.