އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ އިތުރުން ޖެންޑާއިންވެސް ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކޮށްފަ އެވެ. ޖެންޑާއިން ބުނީ ކުޑަ ކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކޮށް، ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމަށެވެ.

ލަނޑާ ނަގާ ދޯންޏެއްގައި އިއްޔެ މާރާމާރީ ހިންގައި ޒުވާނަކު ކަނޑަށް އެއްލާލި މައްސަލައެއް ފެންމަތިވެފައި ވާއިރު، އެމާރާމާރީގައި ކަނޑަށް އެއްލާލި ރ. މަޑުވައްރީ މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކުއްޖާ ބަލިވެއިން މައްސަލައެއް ޖެންޑާއިން ބެލިކަމަށްވެސްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މިހާރު އިނީ އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްލާފަ އެވެ.