ހެންވޭރު ގެއަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:30 ހާއިރު ކަމަށެވެ.
އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ ބިދޭސީއެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
ހަދަމުން ދާ އިމާރާތްތަކުން ދޭތެރެ ދޭތެރެއިން މީހުން ވެއްޓުމުގެ ހާދިސާތައް ހިނގައެވެ. އެގޮތުން މާލޭއާއި ހުޅުމާލޭގައި އެފަދަ ހާދިސާތައް ހިނގާލެއް ގިނަކަން ފާހަގަ ކުރެވެއެވެ.
ހުޅުމާލޭގައި މި ނޮވެމްބަރު މަހުގެ މެދުތެރޭގައިވެސް ބިދޭސީ އަކު އިމާރާތަކުން ވެއްޓިފައި ވެއެވެ.