ގާފަރު ދޯންޏަކުން ބޭނި މަހެއް ހިފަހައްޓަވައިގެން ހުންނަވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު "މިޔަރު ކާލި މަސް" ދައްކަވާލައްވައިފިއެވެ.

ޖާބިރު އިއްޔެ މިޔަރުތައް މަރަން ގޮވާލެއްވުމުން އެތައް ބައެއްގެ ފާޑުކިއުން ޖާބިރަށް އަމާޒުވެގެން ދިޔައެވެ. މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ޖާބިރު، މިޔަރު ކާލާފައިވާ މަހަކާ އެކު ފޮޓޯއެއް ޓްވީޓް ކުރައްވާ ވިދާޅުވީ، މިޔަރުގެ އުނދަގޫ މަސްވެރިންނަށް ފޯރާ ކަމަށާއި ބާނާ މަސްކޮޅުވެސް ހުންނަނީ މިޔަރު ކާލާފައި ކަމަށެވެ.

މިރޭ ގާފަރު ދޯނި ލެފި ތަނަށް ޖާބިރު ވަޑައިގަތުމުން އެ ދޯނީގެ ކެޔޮޅު ދިއްކޮށްލި މަހުގެ ބައެއްވެސް އޮތީ މިޔަރު ކާލާފައި ކަމަށާއި "މިއީ ޖޯކެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ އެއްޗެއް ނެތި ދިއުމުން އެ އެއްޗަކީ ހިމާޔަތް ކުރަންޖެހޭނެ އެއްޗެއް ނަމަވެސް އެ ބިރެއް މިޔަރަކަށް މި ރާއްޖެއަކު ނެތް ކަމަށެވެ.

އެން ނަގަން ޑައިވް ކުރާ މަސްވެރިން ޑިކޯވާ މައްސަލައާ ގުޅިގެން، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާ އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވެފައި ވަނީ، ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ވެސް ދޭން ޖެހޭ ކަމަށާއި، ވަގުތުން މިޔަރުތައް ވެސް ނަގަންވީ ކަމަށެވެ. ޖާބިރު ވިދާޅުވެފައި ވަނީ، ބޮޑު ކަންނެއްޔެއް ބާނާއިރު، ދެބައިކުޅައެއްބައި އޮންނަނީ މިޔަރު ކާލާފައި ކަމަށާއި އެއްބައި ކާލާފައި އޮތުމުން، އެ ކަންނެލި އޮންނަނީ ކިރުމުން މަހުރޫމުވެފައި ކަމަށެވެ. ހަމައެއާއެކު ހުރިހާ މިޔަރުތައް މަރާލުމަށް ސިފައިންނަށް ވެސް ޖާބިރު ވަނީ ގޮވާލައްވާފައެވެ.