އިސްލާމް ދީން ނޫން އެހެން ދީނަކަށް އެމަނިކުފާނުގެ ރިޔާސަތުގައި ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ސަލަފް ޖަމިއްޔާ އަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބުނެ ފިޔަވަޅު އަޅަން މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީ އިން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް ފެންނަ ގޮތަކީ މުޅި މަޖިލީހަށް ފެންނަ ގޮތެއް ކަމަށް ނިންމައިގެން ނުވާނެ ކަމަށާއި ވަކި ފަރާތަކަށް އަމާޒުކޮށް ވަކި ބައެއްގެ ބޮލުގައި ކަންތައްތައް އަޅުވައިގެން ނުވާނެ ކަމަަށެވެ. އަދި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައޅާފައިވާ މީހުންނާއި ލާދީނީ މީހުން ވެސް އުޅޭ ކަމަށާއި ރާއްޖޭން އިސްލާމްދީން ފޮހެލަން އުޅޭ ބަޔަކަށް ނަޝީދު ޖާގަ ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ގައުމުން އިސްލާމް ދީން ފޮހެލަން މަސައްކަތް ކުރާ ބަޔަކަށް ތައްމިނަށް ޖާގަ ދީގެން އިއްޒަތްތެރި ރައީސް ވެސް އިންނަވާ ތަން އަޅުގަނޑަށް ފެންނަނީ،" ނަޝީދަށް ނިސްބަތް ކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް ވެސް އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި އެމަނިކުފާނު ރިޔާސަތުގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދޭން މި މަޖިލީހުން އެއްވެސް ފުރުސަތެއް ހަމަގައިމު ވެސް އަޅުގަނޑުގެ ރިޔާސަތުގައި އަޅުގަނޑެއް ނުދޭނަން، އަޅުގަނޑަށް 100 އިން 100 ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނާނެ އަޅުގަނޑުމިތާ އިނދެ މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދޭނެ އެއްވެސް ކަމެއް ނުހިނގާނެކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހަމައެކަނި ކަންބޮޑުވުމަކީ ހަނގުރާމަ އަށް ދިވެހިން ފޮނުން ކަމަށާއި އެކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.