ރާއްޖޭގައި އުފެދިފައިވާ ދީނީ ޖަމާއަތެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފް އުވާލުމަށް ގޮވާލަނީ އެމްޑީއެން އުވާލުމަށް ގޮވުމުން އެކަމުގެ ބަދަލުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ސަލަފް ޖަމާއަތް ދިފާއު ކުރައްވައިފިއެވެ.

އުމަރު ވިދާޅުވީ، ސަލަފް ޖަމާއަތުން ދުވަހަކުވެސް އަނިޔާވެރިކަމަށް ގޮވާނުލައި ކަމަށާއި، އެ ޖަމާއަތަކީ އަނިޔާވެރިކަމާ ދެކޮޅަށް ގިނަ ބަޔަކަށް ހެޔޮ މަގު ދައްކާފައިވާ ޖަމާއަތެއް ކަމަށެވެ. އަދި އެ ޖަމާއަތުން ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ، އެ ޖަމާއަތް އުވާލަން މަސައްކަތް ކުރަނީ އެމްޑީއެން އުވާލުމަށް ގޮވާލުމުން އެކަމުގެ ބަދަލުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވީ، ސަލަފަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާކުރަމުން އަންނަ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ރިޕޯޓުގައި އެގޮތަށް ބަޔާންކޮށްފައި ވާ ކަމަށެވެ. އެ ކޮމެޓީން އަންނަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އެ މައްސަލާގައި ކޮށްފައިވާ ތަހުގީގާ ގުޅޭ ގޮތުން އާންމު ކޮށްފައިވާ ރިޕޯޓު ދިރާސާ ކުރަމުންނެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް ސަބް ކޮމެޓީއެއް އެކުލަވާލާފައި ވާއިރު އެ ސަބް ކޮމެޓީގެ މަސައްކަތް ރޭ ވަނީ ނިންމާފައެވެ. އަދި މިއަދު ސަބް ކޮމެޓީން ނިންމާފައިވާ ނިންމުން މައި ކޮމެޓީއަށް ހުށަހަޅާނެއެވެ.

ސަބް ކޮމެޓީން އެގޮތަށް ނިންމާފައި ވާއިރު ޖަމްއިއްޔާތަކުގެ ބިލުގެ އިބުތިދާއީ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވަނީ ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ގޮވާލައްވާފައެވެ. އޭގެތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ އަދި އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ހިމެނިވަޑައިގަންނަވައެވެ.

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމު އަހަވާރަކޮށްލުމުގައި ސަލަފު ޖަމިއްޔާގެ އަތެއް ވާކަމަށް ބުނެފައެއް ނެތެވެ. ނަމަވެސް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ ދީނީ ހަރުކަށި ޖަމާއަތަކުން ކަމަށް ބަޔާންކޮށްފައި ވުމުން، ސަލަފް ޖަަަަަަަަަމުއިއްޔާ އުވާލައި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އިއްޔެގެ މަޖިލީހުގައި މެންބަރުން ވަނީ ގޮވާލައިފައެވެ.