ޓެރަރިޒަމްގެ ހަރަކާތްތަކަށް ވާގިދޭ ކަމަށްބުނެ ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމާމެދު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ދީނީ އިލްމުވެރިން ރުޅި ގަދަވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުންގެ ތަހުގީގު ރިޕޯޓާއި ދިރާސާ ކުރަން އެކުލަވާލާފައިވާ ސަބް ކޮމެޓީގެ ރިޕޯޓްގައި ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ސަލަފަށް ފިޔަވަޅު އަޅަން ސަބް ކޮމިޓީން މައި ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވީ ގާނޫނީ ވެރިކަމެއް ކުރާނަމަ ސަލަފަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނީ، އެމްޑީއެން ދިފާއު ކުރައްވާ ރައީސް ނަޝީދަށް ކަމަށެވެ.

އެކަމާ ގުޅިގެން ބައެއް ދީނީ އިލްވެރިން ވަނީ ނުރުހުން ފާޅުކޮށް ސަލަފުގެ ދިފާއުގައި ތެދުވެފަ އެވެ. އެގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުލް ލަތީފް ވިދާޅުވީ އިސްލާމީ ދައުވަތު ފަތުރަށް މަސައްކަތްކުރާ ޖަމިއްޔާތައް ފްރޭމްކޮށް ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

އިޔާޒްގެ އިތުރުން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ސަލަފާ ހިޔާލު ތަފާތު ނަމަވެސް ކަން ކުރަން ވަނީ އިންސާފުން ކަމަށާއި ސަލަފަކީ ޓެރަރިޒަމާއި ދެކޮޅު ބައެއް ކަމަށެވެ.

ސަބް ކޮމެޓީން އެގޮތަށް ނިންމާފައި ވާއިރު ޖަމްއިއްޔާތަކުގެ ބިލުގެ އިބުތިދާއީ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވަނީ ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ގޮވާލައްވާފައެވެ. އޭގެތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މަކުނުދޫ ދާއިރާ މެމްބަރު މުހައްމަދު ރާއީ އަދި އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ހިމެނިވަޑައިގަންނަވައެވެ.

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އަފްރާޝީމު އަވަހާރަ ކޮށްލުމުގައި ސަލަފު ޖަމިއްޔާގެ އަތެއް ވާކަމަށް ބުނެފައެއް ނެތެވެ. ނަމަވެސް ޑރ. އަފްރާޝީމް އަލީ އާ ގުޅޭގޮތުން އެ ޖަމްއިއްޔާއިން ގަރާރެއް ނެރެފައި ވުމާއި، އަވަހާރަކޮށްލީ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ ދީނީ ހަރުކަށި ޖަމާއަތަކުން ކަމަށް ބަޔާންކޮށްފައި ވުމުން، ސަލަފް ޖަަަަަަަަަމުއިއްޔާ އުވާލައި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އިއްޔެގެ މަޖިލީހުގައި މެންބަރުން ވަނީ ގޮވާލައިފައެވެ.