ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ނިންމަވައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށެވެ. މިހެން ވިދާޅުވެ، ޖާބިރު ވަނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކުރަން ޖެހޭ ކަމަށާއި، މިހާރު ރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ނެތް ކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރައްވާފައެވެ.
ޖާބިރު މިހެން ވިދާޅުވެފައި ވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރާއްޖޭގައި ވެރިކަން ކުރުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބަ ދައްކާ ކަމަށާއި އެއީ ގޯހެއް ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ، ސީދާ ރައްޔިތުންގެ ވޯޓަކުން ވެރިމީހާ އައްޔަން ކުރުމުގެ ބާރު ގެއްލި ހުރިހާ ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަކީ ކުރާވަރު ކަމެއް ނޫން ކަމަށާއި، އޭރުން ވަޒީރުންނާއި ހުރިހާ ވެރިންނަކީ މަޖިލީހުގެ މެންބަރުން ކަމަށާއި ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން ނަޝީދު ވަނީ ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި އެމަނިކުފާނަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަޝީދު ވިދާޅުވީ، ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.
މި ވެރިކަމަކީ ޑިމޮކްރެޓިކް ވެރިކަމެއް ކަމުގައިވީ ނަމަވެސް، މިއީ ތިން ބާރު އެއްވެފައިވާ ނިޒާމެއް ކަމަށާއި، ރިޔާސީ ނިޒާމަކަށްވުރެ ބަރުލަމާނީ ނިޒާމަކާ ގާތް ވެރިކަމެއް ކަމަށް އިދިކޮޅުގެ ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.