އަންނަ މަހުން ފެށިގެން އިންޑިއާގައި ދޫކުރާ މޯބައިލް ޑޭޓާގެ ހިދުމަތަށް ނަގާ ފީ ބޮޑުކުރަން ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިންޑިއާ މީޑިއާގައި ދައުރުވަމުންދާ ރިޕޯޓްތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި މޯބައިލް ޑޭޓާ އެންމެ އަގުހެޔޮ ގައުމަކީ އިންޑިއާ ކަމުގައި ވާލްޑް އިކޮނޮމިކް ފޯރަމްގެ ރިޕޯޓަކުން މިއަހަރު ކުރީ ކޮޅު ދެއްކި ކަމުގައި ވީ ނަމަވެސް، އަންނަ މަހުން ފެށިގެން މި މަންޒަރު މުޅިން ބަދަލުވުން އެކަށީގެންވެއެވެ.

އިންޑިއާގެ ޓެލެކޮމް ވިޔަފާރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެންމެ ބޮޑު 2 ކުންފުނިން ވަނީ، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އެކުންފުނިތަކުން ދެމުންދާ މޯބައިލް ޑޭޓާގެ ހިދުމަތުގެ އަގުތައް ބޮޑުކުރާނެކަން އިއުލާންކޮށްފައެވެ.

އިންޑިއާއިން މިފަދަ ޚަބަރުތަކެއް ފެންމަތިވެފައި މިވަނީ، ވޮޑާފޯން އައިޑިއާ އާއި ބާރްތީ އެއާޓެލްއަށް މިއަހަރުގެ ދެވަނަ ތިންމަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އެއްވެސް ހިސާބެއްގައި ފޯރުކޮށް ނުދެހާ ހެޔޮ އަގެއްގައި އިންޑިއާގެ ކުންފުނިތަކުން މޯބައިލް ޑޭޓާގެ ހިދުމަތް ދޭން ފެށީ، މި ވިޔަފާރީގެ ތެރެއަށް މީގެ 3 އަހަރެއްހާ ދުވަސް ކުރިން ރިލާޔަން ޖިއޯ ވަތް ހިސާބުންނެވެ.

ކަންމިހެން އޮތް ނަމަވެސް، ބޮޑެތި ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ފީގެ އަގު ބޮޑު ކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. މިއީ މޯބައިލް ޑޭޓާގެ އަގު ބޮޑުކުރަންޖެހުނު ސަބަބެއް ކަމަށް ބެލެވެއެވެ. އަދި މިވަގުތު ކަން އޮތް ގޮތުން، މި ނޫން ގޮތެއް ނެތް ކަމަށްވެސް ބޮޑެތި ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާއިން މޯބައިލް ޑޭޓާގެ އަގުތައް އުފުލާނެކަން ހާމަކުރުމާއެކު ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ ވިޔަފާރި ވަނީ ރަނގަޅުވާން ފަށާފައެވެ.