މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތައް ހައްލު ކުރުމަށް މަޝްރޫއެއް ކުރިޔަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ސޯލިހު މިގޮތަށް ނިންމަވާފައި ވަނީ މިކަމާބެހޭގޮތުން މާލޭސިޓީ ކައުންސިލުގެ އިސް ނެންގެވުމާއެކު އެކުލަވާލައްވާފައިވާ "ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" އާއި ގުޅޭގޮތުން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހަށް މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

އެގޮތުން މާލޭގެ ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި މަޝްރޫޢުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށާއި އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެން ހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމާއި ފެނުގެ ނިޒާމު ފަދަ ޔޫޓިލިޓީގެ ހިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ހިދުމަތް އަލުން ތައާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.\

ޒަމާނީ ފެންވަރަކަށް މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ނިންމިއިރު އަންނަ އަހަރުގެ ބަޖެޓުގައި މާލޭގެ މަގުތައް މަރާމާތު ކުރުމަށް 79 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.