ރާއްޖޭގެ އެންމެ ދެކުނުގައި ޓޫރިޒަމް ތަރައްގީ ކުރާ ގޮތާ ބެހޭ ގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) އިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މަޝްވަރާ ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީސީ ގެ ނައިބް ރައީސް އަދި ސައިރެކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަމުންދާ ގޮތާ ބެހޭ ގޮތުން ކަމަށެވެ.

ޝަރީފު ވިދާޅުވީ، އެ ބައްދަލުވުމުގައި މީދޫ ޓޫރިޒަމް ޒޯންގެ މައްސަލަތަކާއި ގުޅޭ ގޮތުންނާއި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުންނާއި، ސީޕްލޭން (އައިލެންޑް އޭވިއޭޝްން) ޓިކެޓު ގެ އަގުތަށް ކުޑަ ކުރުމާއި ގުޅޭގޮތުންނުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ގަން އެއާޕޯޓާއި ހުވަދޫ އެއާޕޯޓު އެތެރެއިން ގުޅާލުމާއި، ސްޓޭކް ހޯލްޑާސް ކޮންފަރެންސް އާއި ގުޅިގެން ދެކުނުގެ އަތޮޅުތަކުގެ ތަރައްގީއަށް މަސައްކަތް ކުރުމާއި، ދެކުނުގެ އަތޮޅު ތަކުގެ ތިމާވެށީގެ މައްސަލަ ތަކާއި ގުޅެގޮތުންނާއި، ޓޫރިޒަމްގެ ދައިރާއިން ޓްރޭނިން ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ގެނައުމަށާއި ދަތުރު ފަތުރު ކުރުމުގައި ޓިކެޓް އަގު ހެޔޮ ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަތާ ކުރެވުނު ކަމަށް ޝަރީޕް ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ކަންތަށް ތަކެއް އަންނަ އަހަރަށް ރާވާފައި ވާއިރު، އައްޑޫގެ ފަތުރުވެރި ކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ކަމަށްވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ. އެގޮތުން އަންނަ އަހަރުގެ މޭ މަހުގެ ކުރިން މި ކަންތަށްތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަޝްވަރާ ކޮށްފައި ވާ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައިވެސް ފަތުރުވެރި ކަން ކުރިއެރުވުމަށް ބޮޑު ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.