މޯލްޑިވްސް ބިޒްނަސް އެވޯޑު 2019 ގެ ޓައިޓްލް ސްޕޮންސަރަކަށް މި އަހަރުވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށް ވުމަށް އެސްޓީއޯއާއި އެވޯޑް އިންތިޒާމްކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހުއެވެ. ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ ހަސަން އަބްދުﷲ ހިލްމީއެވެ.

މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރު ކަމަށްވާއިރު، މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސެވެ.