އިންސާފަކީ ޑަބަލް ސްޓެންޑާޑް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސިފަކުރައްވައިފިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ފުރާޅުން ޓިނު ނަގައިގެން ހައްޔަރުކުރުމަށްފަހު ވެސް މީގެކުރިން ފަނޑިޔާރުން ރާއްޖޭގައި ވަކިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އާދަމް ޝަރީފް ވިދާޅުވީ، ގާނޫނުއަސާސީ ފުނޑާލާ، ޖޭއެސްސީ ހައިޖެކްކޮށް، ޖުޑިޝަރީ ޕެރެލައިޒްކޮށްގެން ފަނޑިޔާރުން ވަކިކުރި ވާހަކަވެސް އަދި ކިޔާނެ ކަމަށެވެ.
ބޮޑު ގޮހޮނޑާ ވާހަކަ ކިޔާހެން ނުކުރާ ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށާއި، ހަމަހަމަކަމާ އެކު ކަންކަން ނުކުރާ ކަން ސިފަކުރައްވާ އާދަމް ޝަރީފް ވަނީ އިންސާފަކީ ޑަބަލް ސްޓެންޑާޑް ކަމަށް ވިދާޅުވެފައެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކޮށްފައި ވާއިރު، ނަޝީދު ވަނީ، ރާއްޖޭގައި މީގެކުރިން އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ހުރީ ވަރަށް ނާތަހުޒީބީ ގޮތްގޮތަށް ކަމަށާއި އެގޮތުން ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ލިސްޓަށްވުރެ ދިގުކޮށް ފަނޑިޔާރުންގެ ލިސްޓު އޮތް ހަޟާރަތެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ.
އެންމެ ފަހުން ރަދުން އައްޔަން ކުރައްވާފައި ހުންނެވި ފަނޑިޔާރަކު ވަކި ކުރިތަން ފެނިފައިވަނީ ދަރަވަންދޫގޭ މުހައްމަދު ޖަމީލު ދިދީ ކަމަށާއި އެއަށްފަހު އުއްތަމަ ފަނޑިޔާރުގެ ބާރު ކުޑަވެފައި އޮށްވާ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު އާ ގާނޫނު އަސާސީ އަށްފަހު އުއްތަމަ ފަނޑިޔާރަކީ ބާރުވެރި އަދި މުސްތަގިއްލު ފަރާތެއް ކަމަށް ނިންމުނު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، އާ ގާނޫނު އަސާސީ އައިފަހުން އުއްތަމަ ފަނޑިޔާރު ވަކިކޮށްފައި ހުރީ ގާނޫނަށް ގެނައި ބަދަލަކުން އޮޅިގެންނާއި ނުވަތަ ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައިގެން ކަމަށާއި، މިއަދު މަސައްކަތް ކުރައްވަނީ މި ގާނޫނު އަސާސީގައިވާ އިޖުރާތުތަކުގެ ތެރެއިން، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފަނޑިޔާރުންނާއި މަނިކުފާނާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.