އުރީދޫ ކަލަރަން ފެށެން ބާކީ ދެ ހަފްތާއަށް ވެއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން ސިލްސިލާކޮށް ކޮންމެ އަހަރަކު ބާއްވަމުންދާ ކަލަރަންގެ މިއަހަރުގެ ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. ކުރިން އަހަރުތަކެކޭވެސް އެއްގޮތަށް މި ފަހަރުގެ ކަލަރަންވެސް ކުރިއަށް ދާނީ ކުލަ ޖެހުމާއި މަޖާކުރުމަށް އެތައް ފޯރިގަދަ އައިޓަމްތަކަކާ އެކީގައެވެ.

އާއިލާ އާއި ރައްޓެހިންނާއި އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތުދީ، އުރީދޫ އިން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި މޫދު މަޖާ އާއި އުރީދޫ ކައިޓް ފެސްޓިވަލް އާއި އުރީދޫ ކަލަރަންގެ އިތުރުން ކަލަރަން މިއުޒިކް ފެސްޓީވް ހިމެނެއެވެ.

2018 ވަނަ އަހަރު އުރީދޫން ބޭއްވި ކަލަރަންގެ ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

އުރީދޫ މޫދު މަޖާ އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 8:00 އިން 10:30 އަށް ކަމަށް ވާއިރު، އުރީދޫ ކައިޓް ފެސްޓިވަލް އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މީގެ އިތުރުން މި މަހުގެ 30 ވަނަ ދުވަހު، އުރީދޫ ކަލަރަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 3:30 އިން 6:00 އަށެވެ. ކަލަރަން ކުރިއަށް ދަނީ 5 ކިލޯ މީޓަރުގެ ދުވުމަކާ އެކީގައެވެ.

ކަލަރަން ދުވުމަށް ފަހު އެރޭ 8:30 އިން 11:00 އަށް މިއުޒިކް ފެސްޓިވަލް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މިއުޒިކް ފެސްޓީވް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިންނާ އެކު ބާއްވާ މިއުޒިކް ޝޯއަކަށެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، މޫޝާން އަދި ޒަކިއްޓެގެ އިތުރުން އެހެން އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން އިން ސިލްސިލާކޮށް ކަލާރަން މާލޭގައި ބައްވަމުން އައި ނަމަވެސް މިއަހަރު އައްޑޫ ސިޓީގައި ވެސް އުރީދޫ ކަލަރަން ވަނީ ބާއްވާފައެވެ. އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ތަރުހީބަކާއެކު އެ ކަލަރަން ބާއްވާފައި ވަނީ މި ދިޔަ ޖޫން މަހުގައެވެ. އަދި އެ ކަލަރަންއަށް އައްޑޫ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ.