ޗައިނާގެ މައި ސަރުކާރުގެ ދަށުން މިނިވަންވުމަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދާ ހޮންގްކޮންގްގައި މިއަދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައިފިއެވެ.

ފަތިހަށް ރަނގަޅަށް އަލިނުވިލި އުޅެނިކޮށް ހޮންގްކޮންގްގެ މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުން ހިންގާފައި ވަނީ ޔުނިވާސިޓީ ކެމްޕަހެއްގައި ކަމަށް ޚަބަރު ލިބެއެވެ.

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ތެރެއިން/ފޮޓޯ: ކިން ޗެއުންގް

މައުލޫމާތު ލިބޭ ގޮތުގައި ޔުނިވާސިޓީ ކެމްޕަސް ތެރެއަށް ވަދެގަތުމަށްޓަކައި ހޮންގްކޮންގް ފުލުހުންވަނީ ކަރުނަގޭހާ ފެންބަޑީގެ ބާރުގެ ބޭނުންކޮށްފައެވެ. ފުލުހުންނާ ކުރިމަތިލުމަށް މުޒާހަރާގެ ބައިވެރިވެރިން ބޭނުން ކުރަމުންދިޔައި ޕެޓްރޯލް ބޮމާ، އެނޫންވެސް އެފަދަ ގޮތްގޮތަށް އަމިއްލައަށް އުފައްދާފައިވާ ހަތިޔާރުތަކެވެ. މިއާއެކު ކުރިމަތިލުމުގެ މައިދާނުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، މުޅި ސިޓީގެ އެކި ހިސާބުތަކަށް ދުންގަނޑު ފެތުރިފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ތެރެއިން/ފޮޓޯ: ކިން ޗެއުންގް

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީ ތެރޭގައި މުޒާހަރާގެ ބައިވެރިން ހިމާޔަތް ހޯދަމުންދާއިރު، އެ މީހުންވަނީ ޔުނިވާސިޓީގެ މައި ދޮރާށީގައި ހުޅުޖަހާފައެވެ. އަދި ޔުނިވާސިޓީ އަށް ދެވެން އޮންނަ ބުރިޖުތަކުގައިވެސް ހުޅުޖަހާ، ޕެޓްރޯލް ބޮން އުކަމުންދާކަމަށް މައުލޫމާތު ލިބެއެވެ. މިކަން ކުރަނީ، ފުލުހުންގެ ބާރުތަކަށް އެހިސާބާ ކައިރި ނުވެވޭނެ ގޮތް ހެދުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މިމައިދާނުން ބާރުގަދަ ގޮވުންތަކެއް އަޑުފައްގަނޑު އިވެމުންދާކަމަށްވެސް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ޔުނިވާސިޓީ ކެމްޕަހުގައި ހިމާޔަތް ހޯދަމުންދާތާ މިހާރު ހަފުތާއެއްހާ ދުވަސް ވެފައިވާއިރު ހޮންގްކޮންގްގެ ފުލުހުން ބުނާ ގޮތުގައި އެއީ ހަތިޔާރު އުފައްދާ ކާރުހަނާއެކެވެ.

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

ކެމްޕަސް ތެރޭގައި ތިބި މުޒާހަރާގެ ބައިވެރިން ކިއްލާތައް ޖަހާފައިވަނީ ޔުނިވާސިޓީ ތެރޭގައި ހުރި ގޮނޑިއާއި މޭޒު ފަދަ ތަކެތީގެ ތެރޭގައި ޕެޓްރޯލް ބޮން ހަރުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު ފުލުހުންނަށް އަމާޒުކޮށް ދުނިދަނޑީގެ ހަމަލާތައް ދެމުންދާކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މިއާއެކު ހޮންގްކޮންގްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފުރާނައަށް ގެއްލުންދޭ ޒާތުގެ ހަތިޔާރު ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލާ، އާންމު އަމުރެއް ނެރެފައެވެ. އަދި މިފަދަ އަމަލުތައް ހިންގާނަމަ، އެފަދަ ފަރާތްތަކާ ދެކޮޅަށް ލައިވް ވަޒަން ބޭނުން ކުރަމުންދާނެ ކަމުގެ އިންޒާރުވެސް ހޮންގްކޮންގްގެ ފުލުހުންވަނީ ދީފައެވެ.

ހޮންގްކޮންގްގެ އެހެން ހިސާބުތަކަށް ބަލާއިރު، ފަތުރުވެރި މަންޒިލްތަކުގައިވެސް މިހާރު ހިންގަމުންދަނީ ހަމަނުޖެހުންތަކާ ކުރިމަތިލުންތަކެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހޮންގްކޮންގްއިން ފެށި މުޒާހަރާތަކަށް ހުއްޓުމެއް އައިސްދާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ލިބިފައެއް ނެތެވެ.