ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ގޮއްވާލުމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވި ކަމަށް 17ވަނަ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވާ ކަމަށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގުން ހާމަވެއްޖެއެވެ.
މަރު ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ސަރުކާރުން މިއަދު ވަނީ އާއްމުކޮށްފައެވެ. އެ ތަހުގީގު ރިޕޯޓުގައި ނާޒިމް ދެއްވި ބަޔާންވެސް ހިމެނެއެވެ. އެ ބަޔާނުގައި ނާޒިމް ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމާއި ގުޅޭ ވާހަކަތަކެއް އަދީބާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި 18ވަނަ މަޖިލީހުގެ ނާއިބު ރައިސް ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު ދައްކަމުން ދިޔަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލުކޮށްލެވޭނެ ގޮތަކަށް ރާވަމުން ދިޔަ ކަމަށް ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެ ވާހަކަތަކުގެ ތެރެއިން ބޮމެއް ހެދުމާއި ހިސާބަށް އަދީބު ވަޑައިގެންނެވި ކަމަށާއި އެގޮތުން ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިގެން އެކަން ކުރަން ވެސް ވާހަކަ ދެއްކެވި ކަމަށް ނާޒިމްގެ ބަޔާނުގައިވެއެވެ.
އެކަން އެނގިވަޑައިގަތުމުން އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ސީދާ ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށާއި އަދި ރައީސް ނަޝީދަށް ސީދާ ނާޒިމް ގުޅުއްވާ އެވާހަކަތައް ހިއްސާ ކުރެއްވި ކަމަށް ވެސް ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ގޮއްވާލަން އަދީބު މަސައްކަތް ކުރި ކަމަށް ނާޒިމް ވިދާޅުވިއިރު އަދީބު ވަނީ 2015ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އާއިލާ އަދި ސަރުކާރުގެ އިސްވެރިން ތިއްބެވި ރިޔާސީ ލޯންޗު ގޮއްވާލަން އުޅުނު ކަމަށް ބުނެ ދައުވާ ވެސް އުފުލާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މި ރިޕޯޓުން ފާހަގަކުރެވުނު މުހިއްމު ނުކުތާތަކެއް މަޖިލީހުގެ ރައީސް އާއްމު ކުރެއްވިއިރު މި ވާހަކަތައް އެއްވެސް ވަރަކަށް ހިއްސާ ކުރައްވާފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.