ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް އާރަށަށް ވަޑައިގެންނެވި ކަމުގެ ތުހުމަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކޮށްފިއެވެ.

ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހުކުމާއި ގުޅޭ ގޮތުން ގާޒީ އަލީ ރަޝީދު އާރަށަށް ގެންދެވުމަށްފަހު ރައީސް ސޯލިހު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދުރޭ ވިދާޅުވީ އެކަމަކީ ހިނގި ކަމެއް ކަމަށް ނުވާނަމަ އެކަން ސަރުކާރުން ދޮގު ކުރަންޖެހޭ ކަމަށެވެ.

"އެކަމަކު މިއަދާއި ހަމައަށްވެސް ސަރުކާރުން ނެތް ރައީސުލްޖުމްހޫރިއްޔާ ނެތް އެކަން ދޮގު ކުރައްވާފައެއް. އެމަނިކުފާނު އާއްމު އުސޫލުން ކަންކަން ދޮގު ކުރައްވާ ގޮތަށް ހޫދު މެދުވެރިކޮށްގެން ވިއަސް މިއީ ނުވާ ކަމެއް ކަމަށްވާނަމަ މިކަން ދޮގު ކުރަންވީ. ދޮގު ނުކުރާތީ މިހާރު އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ ރަށު ތެރޭގައި މި ދެކެވޭ ވާހަކައަކީ ތެދެއްކަން،" އަދުރޭ ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދުގެ ޝަރީއަތުގައި އަލީ ރަޝީދު ދެއްކެވި ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖެޓީވީއަށް އިންޓަވިއު ދެއްވީ ނޫން ކަަމަށާއި އެމަނިކުފާނަށް ލިބުނު ފޯނު ކޯލަކަށް ޖަވާބު ދެއްވީ ކަމަށް ވިދާޅުވެ އަލީ ރަޝީދު ދެއްކެވީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު އަލީ ރަޝީދާއި ސުވާލު ކޮށްލަން ބޭނުން ކީއްވެތޯއޭ ހަމައެކަނި ރާއްޖެޓީވީއަށް އެ އިންޓަވިއުއެއް ދެއްވީ އެހެން ޓީވީއަކަށް ނޫހަކަށް ނުދެއްވީ،" އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ މުޅި އަމާޒު ހިފާފައި އޮތީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށާއި އަލީ ރަޝީދު ކްރިމިނަލް ކޯޓުގައި އިންނަވަނީ އެމްޑީޕީގެ ޖާޒީ ލައްވައިގެން އެމްޑީޕީ މެންބަރުން ރުހޭ ފަދަ ހުކުމެއް ކުރުމަށް ތައްޔާރަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އޭނާ ވަނީ މި މަހުގެ 28ވަނަ ދުވަހު، ރައީސް ޔާމީނަށް ހުކުމް ކުރައްވާ ދުވަހު ވީހާވެސް ގިނަ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދަށް ވަޑައިގަތުމަށް ގޮވާލައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވީ ސިޔާސީ މީހަކު ދައްކާފައިވާ ވާހަކައަކަށް ރައްދު ދިނުމުގެ ގޮތުން ނޫން ކަމަށާއި އަދި ކޯޓުގައި ހިނގާ ކަމަކާއި ގުޅޭ ގޮތުން ރައްދެއް ދިނުމަކަށް ނުވަތަ މީޑިއާއިން ކުރި ސުވާލަކަށް ރައްދު ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އެއިން ކަމެއް ކޮށްފި ކަމަށްވާނަމަ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ބުނާ ގޮތުން މައްސަލައިގެން ތަނާޒުލު ވާން ޖެހޭނެ ކަމަށާއި ނަމަވެސް މައްސަލައައިގެން ތަނާޒިލުވާން ޖެހޭ އެއްވެސް ކަމެއް އަދި އެ ގަވާއިދުގައި ބުނާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އިންޓަވިއު ދިނީ އެއީ ކޮންމެހެންވެސް ޖަވާބު ދޭންޖެހޭ ސުވާލަކަށްވާ ކަމަށް ގަބޫލު ކުރެވޭތީ ޖަވާބު ދޭންޖެހޭ ވަރަށް، އެއަށްވުރެ އިތުރަކަށް ވާހަކައެއް ނުދައްކަން،" އަލީ ރަޝީދު ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލާގައި އަދުލުވެރި ހުކުމެއް ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލާގައި ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މައްސަލާގައި ޝާމިިލުވާ ހުރިހާ ފަރާތްތަކަށްވެސް އަރުވާ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ކޮންމެ ގާޒީއެއްވެސް މައްސަލަ ނިންމަވާނީ އަދުލުވެރި ނިންމުމެއް ކަމަށެވެ.