ފަތުރުވެރިޔަކު ގެންބިގެން މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި 69 އަހަރުގެ އިނގިރޭސި އަންހެން ފަތުރުވެރިޔަކު ގެންބިގެން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ރިސޯޓްގެ މެނޭޖްމަންޓުން ވަނީ ފުލުހުންނަށް ނާންގާ ފަތުރުވެރިޔާ ސީ ޕްލޭން އަކަށް ލާފައި މާލެ ފޮނުވާލުމަށްފަހު ޓްރީިޓޮޕަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ، ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.

ގެންބިގެން ފަތުރުވެރިޔަކު މަރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ވަނީ ފުވައްމުލަކުން ވެސް މަރުވެފައެވެ. އެ ހާދިސާއަ ގުޅިގެން ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުމުން އެމީހާ ނިޔާވެފައިި ވަނީ ޑައިވިން އަށް ގޮސް އުޅުމަށް ފަހު ދޯންޏަށް އެރިފަހުން ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ހަވީރު ދ. ކުޑަހުވަދޫ ކައިރިން މަސްބާނަން ނިކުމެ އުޅުމުގެ ތެރޭގައި ޑިންގީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން ވެއްޓި ސްވެޑެން ފަތުރުވެރިޔަކު ވަނީ ނިޔާވެފައެވެ. އެ ހާދިސާ ހިނގާފައި ވަނީ މަސްބާނަން ނުކުމެ އުޅުމުގެ ތެރޭގައި މާބޮޑަށް ފަރަކާ ގާތްކޮށްލި ވަގުތެއްގައި ޖެހި ރާޅެއްގެ ސަބަބުން ޑިންގީ ބަންޑުން ޖަހާލާގެން ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި، އަދި ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި މިހާރަކަށް އައިސް ފަތުރުވެރިން ނިޔާވަމުން ދާކަން ވަނީ ފާހަގަވެފައެވެ.