ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލް ކޮށްފައިވަނީ، އެމްޑީޕީ މީހުން ހިތްހަމަ ޖެއްސުމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް 'ދަ ޕްރެސް' ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ސޯލިހްގެ ވެރިކަމަށް 1 އަހަރުވާ ދުވަހު ރައީސް ޔާމީނަށް ހުކުމް ކުރާތީ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މި ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ހަރަކާތްތަކެއް ރާވަމުންދާ ކަމަށާއި، ސީދާ މިދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ޝެޑިއުލް ކުރުމަކީ އިއްތިފާގެއްގެ ގޮތުގައި ނުބެއްލެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެމްޑީޕީގެ މިހާ ހާއްސަ ދުވަހެއްގައި ޝަރީއަތް ބޭއްވުމަކީ ރާވައިގެން އެމްޑީޕީ މީހުން ހިތްހަމަ ޖެއްސުމަށް ކުރާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލަނީ ސިޔާސީ ދައުވާއެއް ކަމަށާއި، މިއީ ވަރަށް ކުއްލިގޮތަކަށް ސިޔާސީ މޯޓިވޭޝަނެއްގައި ޕީޖީ، ފުލުހުން އަދި އޭސީސީން ގުޅިގެން ފެށި މަސައްކަތެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ، މި ޝަރީއަތް ކުރިން ކުރިއަށް ގެންގޮސްފައިވަނީ ލައިވްކޮށް ޓީވީން ފެންނަ ގޮތް ހެދުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށާއި، އެގޮތަށް އެކަން ކޮށްފައިވަނީ، ރައީސް ޔާމީން ފަލީހަތް ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް، ރައީސް ޔާމީން ގެންދަވަނީ އެހެން ސިޔާސީ ލީޑަރުންނާއި ހިލާފަށް ޝަރީއަތުގެ މަޖިލީހުގައި ސާބިތުކަމާއި އެކު ވަކާލާތު ކުރައްވަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމާއި އެކު ކުރިއަށް ދާނެ ކަމަށް ބެލެވޭތޯ 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ، މުޅި ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑު ކަމަށާއި، މި މައްސަލާގައި ރައީސް ޔާމީނަށް ހުކުމެއް އަންނާނީ މިކަމުގައި ސިޔާސީ މަގުސަދެއް އޮވެގެން ކަމަށް ގާނޫނީ ފަރާތްތަކުން ބުނާ ކަމަށެވެ. ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުން، ހާއްސަކޮށް މި މައްސަލަ ބައްލަވާ ފަނޑިޔާރުން ތިއްބެވީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، މިހާރު މި ޝަރީއަތް އިންސާފުވެރިކަމާއި އެކު ކުރިއަށްދާނެ ކަމާއި މެދު ޝައްކު އުފެދޭ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އެ ޝަރީއަތް ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 އަށް ކްރިމިނަލް ކޯޓުގައެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުން މި މަހު 5 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވަނިކޮށް ހުކުމް ކުރުން ފަސްވީ، ރައީސް ޔާމީންހެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ޖޭއެސްސީން، ގާޒީ ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައެވެ.