އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ވަކި ކުރަން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި އިރު އެމަނިކުފާނުގެ މައްޗަށް 15 ސުލޫކީ މައްސަލައެއް ބަލާފައިވާ ކަން ހާމަވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އުއްތަމަ ފަނޑިޔާރު މަގާމުން ވަކިިކުރުމަށް ޖޭއެސްސީން ހުށަހެޅި މައްސަލައިގައި އެ ކޮމިޝަނުން ވަނީ 348 ސޮފްހާގެ ތަހުގީގީ ރިޕޯޓެއް ހުށަހަޅާފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެ ކޮމިޝަނުން ބަލާފައިވަނީ ޖުމްލަ 15 ސުލޫކީ މައްސަލައެކެވެ.

އެ ސުލޫކީ މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާއި، ނެރުނު އަމުރުތަކާއި، ބައެއް ބޭފުޅުންނަށް އެޅުއްވި ފިޔަވަޅުތަކާއި، ބައެއް އިދާރާތަކަށް ލިބިފައިވާ ބާރުތައް ނެންގެވި މައްސަލަތައް ހިމެނެއެވެ.

ޖޭއެސްސީން ބަލާފައިވާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް:

  1. ޖުޑީޝަލް ކައުންސިލް އުވާލުމަށްފަހު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލަފުޅަށް ހަވާލުވެވަޑައިގެން ޖުޑީޝަލް ކައުންސިލްގެ ނަމުގައި މުޅިން އެހެން ކައުންސިލެއް އުފެއްދުން
  2. އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ މަސައްކަތްތައް ގާނޫނުތަކުގައި ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެކަންކަން ބަދަލުކޮށް އެމަސައްކަތްތަކާ އަމިއްލައަށް ހަވާލުވުން
  3. ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އަށް ލިބިފައިވާ ގާނޫނީ ބާރުތަކެއް ސުޕްރީމް ކޯޓުން އަމިއްލައަށް ހަނިކޮށް މަޖިލީހާއި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުން
  4. ޖޭއެސްސީން ފަނޑިޔާރުންގެ ފެންވަރު ވަަޒަންކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓުވުން
  5. އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ސުޕްރީމް ކޯޓުގެ އޭރުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރުން
  6. ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުން ސުޕްރީމް ކޯޓުގެ ދަށަށް ބަދަލުކުރުން
  7. ދަށު ކޯޓުތަކުގެ ގާޒީންނަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީއަށް ލިބިފައިވާ ގާނޫނީ ބާރުތައް ސުޕްރީމް ކޯޓުން ހަނިކޮށް ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ގަވާއިދެއް ހެދުން
  8. އިސްތިއުނާފް ކުރުމުގެ މުއްދަތު ގާނޫނުތަކުގައި ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެކަމަށް ބަދަލު ގެނައުން
  9. ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލައި އުސޫލެއް ތައާރަފްކޮށް ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް މައްސަލައެއް ބަލައި ކޮމިޝަންގެ ގާނޫނީ ބާރު ކެނޑޭގޮތަށް ގައިޑްލައިނެއް އެކުލަވާލުން
  10. އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ނިންމައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުން
  11. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އެމައްސަލައިގެ އިލްތިމާސް ސުޕްރީމް ކޯޓަށް ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުކުރުން
  12. ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް މެންބަރުންގެ، މެންބަރުކަމުގެ ހައިސިއްޔަތު ގެއްލޭ ގޮތަށް އަމަލުކުރުން
  13. ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއްތަކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ކަނޑައެޅުން
  14. ސުޕްރީމް ކޯޓުގެ ސާކިއުލާތަކަކާއި އާންމު ސިޓީތަކެއް މެދުވެރިކޮށްގެން ކޯޓުތަކުގެ އިދާރީ ހިންގުމާއި، ފަނޑިޔާރުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ރައްޔިތުން ތަބާވުން ލާޒިމްވާ ގޮތަށް އަދި ގާނޫނެއް ސިފަވާ ގޮތަށް ލިޔުންތަކެއް އުފެއްދުން
  15. ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކަމަށް ކަނޑައެޅުން

މިދިޔަ ބުރާސްފަތި ދުވަހު އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް އެދި ޖޭއެސްސީން ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބެލުމަށްފަހު ވަނީ އެމަނިކުފާނު މަގާމުން ވަކި ކުރުމަށް ނިންމާފައެވެ. އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު ވަކިކުރަން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓާއެކުގައެވެ.