ވިހެއުމުގެ ކުރިން މަރުވާ ކުދިންގެ މަރުގެ ފުރިހަމަ ތަހުގީގެއް އަބަދުވެސް ކުރާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ އާއި ރޭ ވިއްސި ދެ ކުއްޖަކު މަރުވެފައި ވާއިރު އެ ދެ ކުދިން ވެސް މަރުވެފައި ވަނީ ވިހެއުމުގެ ކުރިން ކަމަށް ބެލެވޭ ކަމަށާއި ވިހެއުމުގެ ކުރިން އަދި ވިހެއުމަށް ފަހު ތުއްތު ކުދިން މަރުވާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް އެ ހޮސްޕިޓަލުން އަބަދު ވެސް ކުރަމުން ގެންދާ ކަމަށެވެ.

އަދި އެ ބަޔާނުގައި ވަނީ ޕްރިނޭޓަލް އަދި ޕޯސްޓް ނޭޓަލް ކޮންމެ މަރަކީ ވެސް އެ ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގުކުރެވި މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކޮމެޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުންގެންދާ ކަމެއް ކަމަށެވެ.

އަދި ހަމަ އެހެންމެ އެފަދަ ކޮންމެ މަރެއްގެ ތަފްސީލު އާއިލާއިން ބޭނުންވެއްޖެ ނަމަ ހިއްސާ ކުރަމުން ދާ ކަމަށާއި، ހޮސްޕިޓަލުގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމަ އިހްސާސް ކުރެވޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

24 ގަޑިއިރު ތެރޭ ތުއްތު 2 ކުދިން ނިޔާވުމާ ގުޅިގެން އާންމުންގެ ފާޑުކިއުން ދަނީ އައިޖީއެމްއެޗަށް އަމާޒުވަމުންނެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުނެ ވާހަކަތަކުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ލޭބާ ރޫމްގައި ރޭ ޑިޔުޓީގައި އުޅުނީ އެންމެ ޑޮކްޓަރެއް ކަމަށާއި އައިޖީއެމްއެޗުގައި އާންމު ގޮތެއްގައި ހުކުރު ދުވަހު ހުންނަނީ އެއް ޑޮކްޓަރު ކަމަށްބުނެފައި ވެއެވެ. މީހަކު ވިހަނީ "ހުކުރެއް ހޮނިހިރެއް" ބަލައިގެން ނޫން ކަމަށާއި ރޭ މަރުވި 2 ކުދިންގެ ތެރެން އެއް ކުއްޖާގެ ވިންދު ނެތްކަން އިހުސާސް ވުމުން އެމަޖެންސީއަށް ދިޔަކަމަށާއި ކުއްޖާގެ ވިންދު ބަލަން ޝީޓެއް ދިނުމަށްފަހު، ފޮނުވާލީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. މީގެ އިތުރުން އެ ކުއްޖާ ހިނަވަން ވެގެން ފައިގައި އަޅާފައި އޮތް މަލަންކޮޅު ނެގުމުން ވާތު ފައިގެ ތަންކޮޅެއް ނެތް ކަމަށް ބުނެ ދަނީ ވާހަކަ ދެކެވެމުންނެވެ.