މިއަދު ހެނދުނުން ފެށިގެން އިސްރާއީލުގެ އުދުވާނީ ހަމަލާތައް ގައްޒާއަށް އަމާޒުވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިސްރާއީލުން ބުނީ މި ހަމަލާތަކަކީ ގައްޒާއިން ދިން ހަމަލާއެއްގެ ރައްދުގައި ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

ޚަބަރު ލިބޭ ގޮތުގައި އިސްރާއީލުން މިހާރު ގައްޒާއަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަމަލާ އަމާޒުކުރަމުންދިޔަ އިސްލާމިކް ޖިހާދު ޖަމާއަތާ ގުޅުންހުރި ތަންތަނަކަށް ނޫނެވެ. މިއަދުގެ ހަމަލާތައް އަމާޒުވެފައިވަނީ، ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތާ ގުޅުން ހުރި ތަންތަނަށް ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްލާމިކް ޖިހާދު ޖަމާއަތަށް އެއްބާރުލުން ދިން ނަމަވެސް، އިސްރާއީލަށް އަމާޒުކޮށް ހަމާސްއިން އެއްވެސް ހަމަލާއެއް މިފަހުން ދީފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު އިސްރާއީލުން ގައްޒާއަށް ހަމަލާދޭން ގެންގުޅުނު ސްޓްރެޓެޖީއަށް ބަދަލު އައިސްފައިވާކަމަށް މެދުއިރުމަތީގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުން ބުނެއެވެ.