ދާދިފަހުން އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ދިން ހަމަލާގައި އާންމު ރައްޔިތުންގެ ބަޔަކު ޝަހީދުވެފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ އުދުވާންތަކުގައި އެއް އާއިލާއެއްގެ 8 މެމްބަރުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 5 ކުޑަކުދިންވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުންވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާއަކީ ޕަލަސްޓައިން އިސްލާމިކް ޖިހާދުގެ ކޮމާންޑަރު ރަސްމީ އަބޫ މަލްހޫސް ދިރިއުޅެމުންދިޔަ ގެއަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އަދި އެއްވެސް އާންމު މީހަކަށް މި ހަމަލާގެ ގެއްލުމެއް ނުވާނެ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، މި ހަމަލާ އަމާޒުވެފައިވަނީ ރަސްމީ އާއިއެކު 22 މީހަކު ދިރިއުޅެމުންދިޔަ ގެއަކަށެވެ. އަދި މި ހަމަލާގައި މަރާލެވުނީ ރަސްމީކަން ކަށަވަރު ނުވާކަމަށްވެސް އިސްރާއީލުން މިހާރު ދަނީ ބުނަމުންނެވެ.

ރަސްމީ އަބޫ މަލްހޫސް މަރާލުމަށް އިސްރާއީލުން ހަމަލާ ދޭން ފެށީ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް-އަތޯއަށް އަމާޒުކޮށް މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާގައި އޭނާ މަރުވުމާއެކު ގައްޒާއާއި އިސްރާއީލާ ދެމެދު ބަދަލު ކުރަން ފެށި ހަމަލާތަކުގެ ތެރެއިންނެވެ.