ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް މުޅި ދުނިޔެހެން އެއް އަޑަކުން ދަނީ ގޮވަމުންނެވެ. ނަމަވެސް މިނިވަންކަމުގެ ރަހައަކީ ފަލަސްތީނުގެ އަޚުންނާ އުޚުތުންނަށް ބީރައްޓެހި ރަހައެކެވެ. ފަލަސްތީނުގެ މިނިވަންދުވަހާ އެ ފަސްގަނޑުގެ ރައްޔިތުން މިއަހަރުވެސް ކުރިމަތިލީ އިސްރާއީލުގެ މުށުތެރޭގައި އަޅުވެތިވެފައިވާ ބައެއްގެ ގޮތުގައެވެ.
ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހަކީ ފަލަސްތީނުގެ މިނިވަން ދުވަސް ކަމުގައި ފަލަސްތީނުގެ ނޭޝަނަލް ކައުންސިލް ނުވަތަ ޕަލަސްޓައިން ލިބަރޭޝާން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ގާނޫނު ހަދާ މަޖިލީހުން އިއުލާންކުރީ 1988 ވަނަ އަހަރުއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތް އިއުލާން ކުރެއްވީ އަވަހާރަކޮށްލާފައިވާ ކުރީގެ ރައީސް ޔާސިރު އަރަފާތު، އަލްޖަޒާއިރަށް ކުރެއްވި ދަތުރުފުޅުގައެވެ. އަދި ގުދުސްއަކީ ފަލަސްތީނު ރައްޔިތުންގެ ވެރިރަށް ކަމުގައިވެސް ޔާސިރު އަރަފާތު އިއުލާން ކުރެއްވީ ހަމަ އެދުވަހުއެވެ.
ޔާސިރު އަރަފާތުގެ މި ތާރީހީ ބަޔާނަށްފަހު އަދާ ހަމައަށް ފާއިތުވީ 31 އަކަށް އަހަރު ދުވަހުގެ ތެރޭގައި 139 ގައުމަކުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގެންފައެވެ. ނަމަވެސް، މި ލިސްޓުގައި ނެތް ގައުމުތަކަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނާ ފަރަންސޭސިވިލާތް ފަދަ ގައުމުތަކެވެ. މި ގައުމުތަކުން އަދިވެސް އެއްބާރުލުން ދެމުންދަނީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ދައުލަތަށެވެ.
ފަލަސްތީނުގެ ތަފާސް ހިސާބުތަކާ ބެހޭ އިދާރާގެ ރެކޯޑްތަކަށް ބަލާއިރު ފަލަސްތީނަށް ހައްގު ބިންތަކުގެ 85 ޕަސެންޓް ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް މިހާރު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.
މެދުއިރުމަތީގައި ދިގުލާ ގޮސްފައިވާ އިސްރާއީލާ ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާތައް ކޮޅެއްގައި ނުޖެއްސި އޮތީވެސް އިރުމަތީ ގުދުސްގެ މައްސަލާގައެވެ. ފަލަސްތީނު ރައްޔިތުންގެ ހިތުގެ ވިންދާ ގުޅިފައިވާ އިރުމަތީ ގުދުސް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވަނީ އިސްރާއީލުންނެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ހުޅަނގު އައްސޭރިވެސް އޮތީ އިސްރާއީލުގެ އަތްދަށުލާފައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ މުއާހަދާތަކަށް ބެލުމެއްނެތި އިސްރާއީލުން ހިންގާ ގައިރު ގާނޫނީ އާބާދުކުރުމުގެ މަޝްރޫއުތައް ހިންގަނީވެސް މި ސަރަހައްދުތަކުގައެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަވައިދާ ހިލާފަށް ވަޒަންވެރިވެފައިވާ 250 ސަރަހައްދެއްގައި 50000އެއްހާ ޔަހޫދީން މިއަދުވެސް މިނިވަންކަމާއެކު ދަނީ ދިރިއުޅެމުންނެވެ.
2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ކުރިއަށްދިޔަ އދގެ 67 ވަނަ އާންމު ޖަލްސާގައި، ފަލަސްތީނަކީ އދގެ ނޮން-މެމްބާ އޮބްޒާވަރެއްގެ ދަރަޖަ ލިބިފައިވާ ދައުލަތެއް ކަމުގައި ވަނީ ބަލައިގެންފައެވެ. މިއީ މިފަހުގެ ތާރީހެއްގައި ފަލަސްތީނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ގޮތުގައިވެސް ސިފަކުރެވިދާނެއެވެ.
ނަމަވެސް، އެކަމުންވެސް ލިބުނު ވަކި އިތުރު ފައިދާއެއް ނެތްކަމުގެ އެއް ހެއްކަކީ ފަލަސްތީނުގެ 31 ވަނަ މިނިވަން ދުވަހާ އެ ދައުލަތުން ކުރިމަތިލި މި ދަނޑިވަޅުގައިވެސް އިސްރާއީލުގެ ރަހުމެއް ނެތް އުދުވާން ތަކުން ސަލާމަތް ވެވިފައި ނުވާކަމެވެ. 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އަޅުވެތިކަމުގެ ދަށަށް ގެންގޮސްފައިވާ ގައްޒާއަށް އަމާޒުކޮށް އިސްރާއީލުން ދޭ ވަރުގަދަ އުދުވާންތަކުން ލިބުނު ޒަހަމްތައް އަދިވެސް ތާޒާކޮށް ހުރި އެތައް ރައްޔިތުންނެއް ގައްޒާގައި އެބަތިއްބެވެ.
އެންމެ ފަހުން ގައްޒާއަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދޭން ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ހަމަލާތަކުގައިވެސް ކާމިޔާބު ލިބުނީ އިސްރާއީލަށް ކަމަށް އިސްރާއީލުން ދަނީ ބުނަމުންނެވެ. 48 ގަޑިއިރުގެ ތެރޭގައި އާންމު ރައްޔިތުންގެ 34 މީހަކު ޝަހީދުކޮށްލިއެވެ. ކުޑަކުދިންވެސް މީގެ ތެރޭގައި ހިމެނޭއިރު އިސްރާއީލުން މިއީ ނަސްރެއްގެ ގޮތުގައި ސިފަކުރަމުންދާ ދިއުމަށް ރައްދު ދޭނެ ގައުމެއް، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ލިސްޓުގައިވެސް ނެތެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް މިސްރުގެ މަސައްކަތުން ބުރާސްފަތި ދުވަހު ހެނދުނު ތަންފީޒު ކުރަން ފެށި ނަމަވެސް އެ އެއްބަސްވުމަށް ވީ 24 އަކަށް ގަޑިއިރެވެ. އިސްރާއީލުން އަނެއްކާވެސް ވަނީ ގައްޒާއަށް ހަމަލާދޭން ފަށާފައެވެ. އެވެސް، ފަލަސްތީނުގެ މިނިވަން ދުވަހުއެވެ.