ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 34 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ބައިވެރިވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.
ދިވެހި ހާރިޖިއްޔާއިން އާންމު ކުރި ބަޔާނެއްގައި އެ ވުޒާރާއިން ބުނީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދެމުންދާ އަހަމިއްޔަތުކަމުގެ ތެރެއިން މި ސެޝަންގައި ރިވިއު ކުރެވުނު 10 ގައުމާއި ބެހޭ ގޮތުން ދިވެހިރާއްޖެއިން ބިނާކުރަނިވި ހުށަހެޅުންތަކެއް ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ.
މިފަހަރު ރިވިއުކުރި 10 ގައުމަކީ އިޓަލީވިލާތް، އެލްސެލްވަޑޯ، ގެމްބިއާ، ބޮލީވިއާ، ފިޖީ، އިރާގު، ސްލޮވީނިއާ، މިސްރު އަދި ބޮސްނިއާ އެންޑް ހެޒްގޮވީނާ އެވެ.
ދިވެހިރާއްޖޭގެ ފަރާތުން ޔޫ.ޕީ.އާރް ސެޝަންގައި ބައިވެރިވެވަޑައިގަތީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ހާލާ ހަމީދާއި، ދާއިމީ މަންދޫބުގެ ނައިބު ހައުލާ އަހުމަދު ދީދީ އާއި، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ފަރސްޓް ސެކްރެޓަރީ ޝާޔާ އަލިމަނިކެވެ.
ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއަކީ އދގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ޙާލަތު ދެނެގަންނަ ނިޒާމެކެވެ. ޔޫ.ޕީ.އާރްގައި އިންސާނީ ހައްގުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސަނީ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އިންސާނީ ޙައްގުތަކާއި ބެހޭ ކައުންސިލަށް ހުށަހެޅުމަށް ހުރިހާ ގައުމުތަކަށް ފުރުސަތު ލިބެއެވެ. މީގެ ބޭނުމަކީ ހުރިހާ ގައުމުތަކެއްގެ އިންސާނީ ހައްގުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް އެއްވެސް ތަނެއްގައި ހިނގައިފިނަމަ އެކަން ހުއްޓުވުމެވެ. އަދި ޔޫ.ޕީ.އާރް ނިޒާމް ޤާއިމްވެފައިވަނީ ގައުމުތަކުގެ އެސެސްމަންޓް ހެދުމުގައި ހުރިހާ ގައުމުތަކަކަށްވެސް އެއް ހަމަޔަކުން އަމަލުކުރުމުގެ އުޞޫލަކުންނެވެ.
އދގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ވަރކިން ގްރޫޕުން ކޮންމެ އަހަރަކު 3 ފަހަރު، 2 ހަފްތާއަށް ދިގުދެމިގެންދާ ޔޫ.ޕީ.އާރް ސެޝަންތައް ބާއްވައެވެ. 2017 ވަނަ އަހަރު ފަށާފައިވާ ޔޫ.ޕީ.އާރް ގެ 3 ވަނަ ސައިކަލް ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުއެވެ. އަދި 3 ވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ ރިވިއު އޮންނާނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހު ފެށޭ ޔޫ.ޕީ.އާރްގެ 36 ވަނަ ސެޝަންގައެވެ.
ރާއްޖެއިން ބައިވެރިވި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 34 ވަނަ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ މަހުގެ 4 އިން 15 އަށް ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީހުގައެވެ.