ނުވަވަނަ ފިލްމު އެވޯޑްސް ހަފުލާއަށް ދައުވަތު ނުދިނުމުން ކުރީގެ ފިލްމީތަރި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)ގެ ޖަޒުބާތުތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލައްވައިފިއެވެ.

ރީކޯ މޫސައަކީ ރާއްޖޭގައި 90ގެ އަހަރުތަކުގެ ކުރީކޮޅު މަޝްހޫރު ފިލްމުތަކެއް ކުޅުއްވާ ގިނަބައެއްގެ މަގްބޫލުކަން ހޯއްދަވާފައިވާ އެކްޓަރެކެވެ. މިހާރުވެސް މޫސަގެ ފިލްމުތަކާއި ލަވަތަކަކީ ގިނަބަޔަކު ބަލާ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ފިލްމުތަކާއި ލަވަތަކެކެވެ. އެހެންނަމަވެސް ނުވަވަނަ ފިލްމު އެވޯޑު ހަފްލާއަށް ދައުވަތު ނުދިނުމުން މޫސަ ހުންނެވީ ހިތުގައި ޖެހިވަޑައިގެންފައެވެ.

މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 15 ވަރަކަށް އަހަރު ފިލްމު ކުޅެން އުޅުމަށްފަހު މިހާރު އެ ދާއިރާއާ ދުރުގައި ހުންނެވި ނަމަވެސް ދައުވަތު ދެއްވި ނަމަ ރީތި ގަމީހެއް ތުރުކުރައްވައިގެން ހަފްލާގައި އިންނަވަން އަދިވެސް ކަމުދާނެ ކަމަށެވެ.

"މާބޮޑަށް ޒާތީނުވެ މިކަހަލަ ކަންކަމަށް ގޮވާލާނަމަ،" މޫސަގެ ޓްވީޓުގައި ވިދާޅުވިއެވެ.

މޫސަ ވަނީ މީގެކުރިން ބޭއްވި ފިލްމު އެވޯޑު ހަފްލާތަކަށް ވަޑައިގެންފައެވެ. އަދި ބައެއް ހަފްލާތަކުގައި އޭނާ ވަނީ ވާހަކަވެސް ދައްކަވާފައެވެ. ނަމަވެސް މިފަހަރުގެ އެވޯޑު ހަފްލާއަށް ދައުވަތު ނުދިން ސަބަބެއް ރަސްމީ އިދާރާ އާޓްސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.